ކޮންމެ މުއައްސަސާއަކުން ވެސް ތަފާތުކުރެއްނެތި ހިދުމަތް ފޯރުކޮށްދޭން ޖެހޭނެ: ޒުހުރުބާން

3 months ago

އަފްރާހް

ސަރުކާރުގެ ކޮންމެ މުއައްސަސާއަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ވެސް ކޮންމެ ދިވެއްސަކަށް ވެސް ތަފާތުކުރުމެއް ނެތި ލިބިދޭންޖެހޭ ޚިދުމަތެއްކަން ކަށަވަރުކުރަން ޖެހޭކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިޝަތު ޒުހުރުބާން ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ، އެ މިނިސްޓްރީން މިއަހަރުގެ އޯގަސްޓު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ސައިން ލޭންގުއޭޖް ނުވަތަ އިޝާރާތުބަސް ދަސްކޮށްދިނުމުގެ ކޯހާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޕީ.އެސް.އެމް އަށް ދެއްވި ބަސްދީގަތުމެއްގައެވެ.


ޒުހުރުބާން ފާހަގަކުރެއްވި ގޮތުގައި މި ކޯހާއެކު، ސަރުކާރުގެ މުއައްސަސާތަކުން ޚިދުމަތް ހޯދުމުގައި އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ކުރިމަތިވާ ހުރަސްތައް ކުޑަކުރެވޭނެއެވެ. އަދި އެ ފަރާތްތަކަށް ވެސް މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާ ހަމަޔަށް ވާސިލުވެވޭނެ ކަމަށް ވިދާޅުވިއެވެ.


މިގޮތުން ފުރަތަމަ މަރުހަލާގައި މި ކޯހުގައި ބައިވެރިވާނީ ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުން ކަމުން، ރައްޔިތުންނަށް ހަމަހަމަކަމާއެކު ތަފާތުކުރުމެއްނެތި ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް މި ކޯހުގެ ސަބަބުން މަގުފަހިވެގެންދާނެކަމަށް އެވުޒާރާ އިން ދެކެއެވެ.


މީގެއިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަރްޔަމް ޝަހުދާ ވިދާޅުވީ އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ 1500 އެއްހާ ފަރާތް ރާއްޖޭގައި އުޅޭ ކަމަށާއި އެއިން ކޮންމެ ފަރާތަކީ ލިޔަން ކިޔަން ދަންނަ ފަރާތަކަށް ނުވެދާނެ ކަމަށެވެ. އަދި މިހާރުގެ ސްކޫލުގެ ނިޒާމުގެ ތެރެއިން ނިކުންނަ ކުދިންނަށް ލިޔަން ކިޔަން އިނގުނު ނަމަވެސް އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ އުމުރުން ދުވަސްވީ ބޭފުޅުން ވެސް އެބަތިބިކަން ފާހަގަކުރެއްވިއެވެ.


އެފަދަ ފަރާތްތަކާއި މުޢާމަލާތުކުރުމަށްޓަކައި މިފަދަ އިޝާރާތް ބަސް ދަންނަ ފަރާތްތައް މުއައްސަސާތަކުގައި ތިބުން މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މި ކޯހަކީ، އެފަދަ މީހުން ބިނާކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ވެސް ޝަހުދާ ވަނީ ވިދާޅުވެފައެވެ. 


ކިޔުންތެރިންގެ ހިޔާލު