މި މަހު 14 ން 20 އަށް އިސްރަށްވެހިންގެ ނާދީގެ ކަލަންޑަރު އާންމުކޮށްފި

3 months ago

އަފްރާހް

މިއަހަރުގެ ޖުލައި 14 އިން 20 ގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ކަލަންޑަރު އާންމުކޮށްފިއެވެ.


މި ހަރަކާތްތަކުގެ ތެރޭގައި މިގޮތުން 14 ޖުލައި ވާ ‎އާދީއްތަ ދުވަހު އިސްރަށްވެހިންނަށް ޚާއްސަ "ވޯކް ވޯކް" ކަސްރަތު ޕްރޮގްރާމާއި، އިސްރަށްވެހިންނަށް ޚާއްސަ ލުއި ކަސްރަތު ޕްރޮގްރާމްވެސް އާދީއްތަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.


ހަމައެއާއެކު، 15 ޖުލައި 2024 ވާ ހޯމަ ދުވަހު ދަމަނަ ވެށިން އިސްރަށްވެހިންނަށް ދޭ ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތު ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


ހަފްތާގެ އަންގާރަ ދުވަހު މާ ޖަހަން ދަސްކޮށްދޭ ކްލާހެއްވެސް ކުރިއަށް ގެންދެވޭނެއެވެ.


މީގެ އިތުރުން، ބުދަ ދުވަހު އިސްރަށްވެހިންނަށް ޚާއްސަ "ވޯކް ވޯކް" ކަސްރަތު ޕްރޮގްރާމް އަނެއްކާވެސް އޮންނާނެއެވެ. އަދި އިސްރަށްވެހިންނާއެކު މިނިވަން ދުވަސް ފާހަގަކުރުމުގެ މަޝްވަރާ ބައްދަލުވުމާއި އިސްރަށްވެހިންގެ ނާދީގެ ކްލަބް ހަފްތާ ސައިވެސް ބުދަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ، "ދަރިން ތަރުބިއްޔަތުކުރުމުގައި މާމަ އަދި ކާފަގެ ދައުރު" މަޢުލޫމާތު ސެޝަނެވެ.


އެއަށްފަހު، ހަފްތާގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ހޮނިހިރު ދުވަހު ޞިއްޙަތަށް ފައިދާ ކުރާ ކާނާ ތައްޔާރުކުރާނެ ގޮތް ދަސްކޮށްދޭ ކްލާސް (ހައްޓަށް) ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.


މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށް ވެސް އޮންނާނެއެވެ.


އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު