ރޭގަނޑު ހޭލައި ހުރެފައި، ފަތިހު ނިދާ މީހުންނަށް ދެ ޣަނީމާއެއް ގެއްލޭ

2 months ago

އަފްރާހް

އިސްލާމް ދީނުގައި މަސައްކަތަކީ، އަޅުކަމެއް ކަަމަށާއި މާތް ރަސްކަލާނގެ ހަޟްރަތުގައި ވެސް އަދި ދުނިޔޭގެ ނަޒަރުގައި ވެސް މަސައްކަތްކުރާ މީހާއާއި މަސައްކަތްނުކުރާ މީހާ ހަމަހަމަވެގެން ނުވާ ކަމުގައި ހުކުރު ހުތުބާގައި ބުނެފިއެވެ.


ހުތުބާގައި ބުނީ މަސައްކަތްކުރާ މީހާއަށް އެކަލާނގެ ރުހިވޮޑިގަތުން ލިބޭނެ ކަމަށާއި މީހުންގެ ލޯތްބާއި އިހްތިރާމު ވެސް ލިބޭނެ ކަމަށެވެ. އަދި މަސައްކަތްނުކުރާ މީހާއަކީ އެކަލާނގެ ރުއްސަވާ މީހެއް ނޫން ކަމަށެވެ.


މީގެއިތުރުން އޭނާ ވާނީ އޭނާގެ އަމިއްލަ ނަފްސަށާއި އަނބިދަރީންނަށް ޖެހިފައިވާ ބުރައެއްކަން ހާމަކޮށް، ހުތުބާގައި ބުނީ ދުންޔަވީ ޙަޔާތް ބާއްޖަވެރިވެ، އޭގެ ފޮނިކަމާއި މީރުކަން ފުރިހަމަ ވާނީ، ތިމާއަށާއި އެހެން މީހުންނަށް ފައިދާ ހުރި ޙަލާލު މަސައްކަތެއްކޮށް، އާމްދަނީ ހޯދައިގެން ކަމަށެވެ.


ރޭގަނޑު ހޭލައި ހުރެފައި، ފަތިހު ނިދާ މީހުންނަށް ދެ ޣަނީމާއެއް ގެއްލޭ ކަމަށާއި އެއީ ފަތިސް ނަމާދާއި ދުވާލު ފެށޭ ވަގުތުގެ ބަރަކާތްކަން ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ. އަދި އެކަމުގެ ސަބަބުން އޭނާ އިލާހީ ރިޒްގުން މަޙްރޫމުވާކަން ވެސް ހަނދާންކޮށްދިބެވެ.


"މާތް ރަސްކަލާނގެ، އޭނާގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ޙައްޤު އަދާނުކުރާ ދުވަހަކީ އަބާއްޖަވެރި ދުވަހެކެވެ. އޮފީހަށް ގަޑި ޖެހިގެންދާ މީހާގެ މުސާރައިން އުނިވާ ގޮތަށް، ސަވާބާއި ދަރުމަ ވެސް އުނިވާނެއެވެ. ފަތިސްނަމާދު ނުކުރުމުން އެކަލާނގެ ރުއްސެވުމުން އޭނާ މަޙުރޫމުވާނެއެވެ." ހުތުބާގައި ބުންޏެވެ.


ހުތުބާގައި އިތުރަށް ބުނީ މި ވަގުތުގެ ބަރަކާތުން އިންސާނާ މަޙްރޫމު ކުރެވޭތޯ ޝައިޠާނާ މަސައްކަތް ކުރާނެ ކަމަށާއި ރޭގަނޑު ކުޅިވަރުގައި ހޭލައި ހުރުން، އޭނާއަށް ރީތިކޮށްދީ، ފަތިހު ތެދުވުން ބުރަކަމަކަށް ހަދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު