ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދެއްވައިފި

2 months ago

އަފްރާހް

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދެއްވައިފިއެވެ.


މި ބޭފުޅުންނަށް އިނާމު ދެެއްވާފައިވަނި ރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބާގައި ޖުލައި 26 ވީ ހުކުރުދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގައެވެ. ސޯޝަލް ސެންޓަރުގައި ބޭއްވި މި ޖަލްސާގައި އެ ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.


ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ، އެކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެކުލަވައިލައްވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.


އިނާމު ލިބިލެއްވި ބޭފުޅުންގެ ތެރޭގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ރައީސް، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވި 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ 70 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.


ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެގޮތުން ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.


ކިޔުންތެރިންގެ ހިޔާލު