ރައީސް ދެއްވީ ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ނުތިބޭނެކަމުގެ ޔަގީންކަން

2 months ago

އަފްރާހް

ޔުނިފޯމް އަޅައިގެން އަދި ޔުނިފޯމު ނާޅާވިޔަސް ބޭރުގެ ގައުމެއްގެ ސިފައިން ނުތިބޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.


ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމީ ޖަލްސާގައި އެމަނިކުފާނު ވަނީ އިންޑިޔާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ ޕްލެޓްފޯމުތަކުގައި ތިބި މިލިޓަރީ މީހުން ގެންގޮސް، މަދަނީ މީހުން ބޭނުންކޮށްގެން މިހާރު އެ ޕްލެޓްފޯމުތައް ބޭނުންކުރަން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.


އެގޮތުން މަދަނީ މީހުން ބޭނުންކޮށްގެން އޮޕަރޭޓްކުރަން ފެށިފަހުން ބަލިމީހަކު ގޮވައިގެން ހަނިމާދޫން މާލެއަށް ފުރަތަމަ ފްލައިޓް ރޭ ދަތުރުކޮށްފައިވާކަމުގައި ވިދާޅުވިއެވެ.


ރާއްޖޭގެ ކަނޑުގެ ބިޔަ ސަރަހައްދު ރާއްޖެއަށް ނުބެލެހެއްޓޭނަމަ ދިފާއީ ސިޔާދަތު ޔަގީންނުވާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޔޫ.އޭ.ވީގެ އެހީގައި މިހާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް 24 ގަޑިއިރު ކުރަމުންދާކަމުގައި ވެސް ވިދާޅުވެފައެވެ.


މީގެއިތުރުން ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަކޮށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި ކޯސްޓްގާޑު ދެގުނައަށް ފުޅާކުރުމުގެ މަސައްކަތް ވެސް ފެށުމުގެ މަރުހަލާގައިވާކަމަށް ވިދާޅުވިއެވެ.


ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމުގެ ރަތްރޮނގު، ފަވާލެވިފައިވާ ރަތްރޮނގެއްގެ ގޮތުގައި ތާއަބަދަށް ދަމަހައްޓައި ގައުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ފަޚުރެއްގެ ގޮތުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު