މިނިވަންކަން ޔަގީންވާނީ އަމިއްލަވަންތަކަމުގެ ސިޔާދަތާއި ދިފާއީ ސިޔާދަތު ޔަގީންވެގެން: ރައީސް

2 months ago

އަފްރާހް

ގައުމުގެ މިނިވަންކަން ޔަގީންވެގެންދާނީ އިގްތިސާދީ ސިޔާދަތާއި އަމިއްލަވަންތަކަމުގެ ސިޔާދަތާއި ދިފާއީ ސިޔާދަތު ޔަގީންވެގެން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.


ރައީސް ވިދާޅުވީ މި ސަރުކާރުން މި ވީ 8 މަސްދުވަހުގެ ތެރޭގައި މި ހުރިހައި ދާއިރާއަކުން ގިނަ މަސައްކަތްތަކެއްކޮށް އަދި މިހާރުވެސް ކުރަމުން އަންނަކަމަށެވެ.


އެގޮތުން ވަޒީރުންގެ މަޖިލީހުން 17 ބައްދަލުވުމެއް ބާއްވައި 225 ނިންމުމެއް މިހައިތަނަށް ނިންމަވާފައިވާ ކަމަށާއި އިކޮނޮމިކް ކައުންސިލުން 56 ބައްދަލުވުމެއް ބާއްވަވައި 176 ނިންމެވުމެއް ނިންމަވާފައިވާކަމުގައި ވިދާޅުވިއެވެ. އަދި ސޯޝަލް ކައުންސިލުން 16 ބައްދަލުވުމެއް ބާއްވަވައި 48 ނިންމެވުމެއް ނިންމަވައި ތަންފީޒުކުރަން ފަށާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.


ރައީސް އިތުރަށް ވިދާޅުވީ މިހުރިހައި ކަމެއް ކުރައްވަނީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ރައްޔިތުންނާ މުޚާތަބުކޮށް ވިދާޅުވި ފަދައިން ގައުމުގެ މިނިވަކަން ކަށަވަރު ކުރުމަކީ އެމަނިކުފާނުގެ އެންމެ މަތީ ޒިންމާކަމުގައި ދެކެވަޑައިގެންކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު