ސެންޓްރަލް ޕާކް ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި

2 months ago

އަފްރާހް

ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިއެވެ.


ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވީ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ ބަގީޗާ ހިނގުން އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިގޮތަށް ޢަމަލުކުރަން ފެށީ މިއަދު ކަމަށެވެ.


މިއީ ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު، ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރި ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ 11 ސަރަހައްދަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


އެ ބަދަލުތައް ގެންނަން ނިންމީ، ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާތީ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވިއެވެ.


ބަދަލު ގެންނާނެ ސަރަހައްދުތައް ކަނޑައެޅީ ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ކަަމަށް ވެސް ވިދާޅުވިއެވެ.


އެޗްޑީސީން ވިދާޅުވީ އެ 11 ސަރަހައްދަށް ގެންނަ ބަދަލުތަކުގެ މަސައްކަތް އެއްކޮށް ނިމުމުން، ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވާނެ ކަމަށެވެ. އަދި ވެހިކަލްތަކާއި ހިނގާ މީހުންނަށް ވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު