ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ސަރުކާރުން ހާއްސަ އިސްކަމެއްދޭ

2 months ago

އަފްރާހް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ސަރުކާރުން ހާއްސަ އިސްކަމެއްދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


މިނިވަން ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެފަދަ ފަރާތްތައް އުނގެނުމަށް ފަހި ފުރުސަތު ދެއްވާނެކަން ހާކަމުރައްވާފައެވެ.


އެގޮތުން މި ސަރުކާރުން ކުރިއަށް އޮތް އޮގަސްޓް މަހު 'ސައިން ލޭންގުއޭޖް' ކޯސްތަކެއް އާންމުންނަށް ހުޅުވާލައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އެންމެން އެއްމުޖުތަމައެއްގެ ގޮތުގައި އުޅުމަށް މަގުފަހިވާނެކަމުގައި ވެސް ވިދާޅުވިއެވެ.


މުޖުތަމަޢުގެ ސަލާމަތަށްޓަކައި ޑްރަގުގެ ވަބާއިން ސަލާމަތްވާންޖެހޭކަމުގައި ފާހަގަކުރައްވައި މި ސަރުކާރުން ޑުރަގުގެ ވަބާއިން ސަލާމަތްވުމަށް ވެސް މީގެކުރިން ދުވަހަކު ރާއްޖޭގައި ނުކުރާ މިންވަރަށް މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅުއްވާފައިވާކަން ހާމަކުރެއްވިއެވެ. އަދި މަސްތުވާ ތަކެއްޗާ ގުޅޭ ގާނޫނަށް ވެސް މުހިންމު ބަދަލުތަކެއް ގެންނަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


ހަމައެއާއެކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައްވެސް ބާކީ ނުކޮށް، އެ ފަރާތްތަކަށް ބޭނުންވާ ފަރުވާ ދިނުމަށް ފަހު މުޖުތަމައަށް އަލުން އަނބުރާ ގެނައުމަށް މަސައްކަތް ކުރައްވާނެކަމުގައި ވަނީ ވިދާޅުވެފައެބެ.


މީގެއިތުރުން ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމަށް މި ސަރުކާރުގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވައި އެކަން ކާމިޔާބުކަމާއެކީ ހާސިލުކުރުމަށް އުންމީދުކުރައްވާ ކަމުގައި ވެސް ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު