ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކޯސްތަކެއް ފަށަނީ!

2 months ago

އަފްރާހް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސްގެ ކޯހެއް ފެށުމަށް ނިންމައިފިއެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން ހިންގާ މި ކޯސް ފެށުމަށް ނިންމާފައިވަނީ އަންނަ އޮގަސްޓު މަހުގެ 4 ވަނަ ދުވަހުއެވެ.


މިއީ ބައިވެރިން ޚިޔާރުކުރާ ދާއިރާތަކުން ކުރިއަރާނެ ގޮތަށް، ހުނަރު ތަރައްގީ ކުރުމަށް ފަރުމާކޮށްފައިވާ ކޯސްތަކެކެވެ.


މޯލްޑިވްސް ޕޮލިޓެކްނިކްގެ މާލެ ކެމްޕަހުގައި ހިންގުމަށް ހަމަޖެހިފައިވާ މި ކޯހަކީ އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސްގެ ދާއިރާއިން ގައުމީ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ. އަދި ކޯސް ފުރިހަމަ ކުރާ އެންމެހައި ފަރާތްތަކަށް ގޭގެއަށް ގޮސް އިލެކްޓްރިކަލް މަސައްކަތްކުރުމުގެ ލައިސެންންސް ވެސް ލިބޭނެއެވެ.


ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގެ ކްލާސްތައް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހަވީރު 4 ން ރޭގަނޑު 7 ޖަހަންދެން ކުރިއަށްދާނެއެވެ.


މިފަދަ ކޯސްތަކަކީ، މުޖުތަމަޢުގައި އެންމެހައި ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރާ މުހިންމު މަސައްކަތުގެ ބައެކެވެ. އެއާއެކު، މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް އެޅިގެންދާ މުހިމްނު ފިޔަވަޅެއްވެސްމެއެވެ.


ކިޔުންތެރިންގެ ހިޔާލު