ބަންކަރިން ހިދުމަތުގެ ފުރަތަމަ އަހަރު ޖީޑީޕީ އަށް 400 މިލިއަން ޑޮލަރު އިތުރުވާނެ

2 months ago

އަފްރާހް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް ބަންކަރިންގ ސަރވިސް ޢަމަލީގޮތުން އަންނަ މަހު ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު ވިދާޅުވީ މި ޚިދުމަތް ފެށޭތާ ފުރަތަމަ 12 މަހުގެތެރޭގައި ޖީ.ޑީ.ޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގައުމުގެ ދަރަނި ކުޑަކުރެވި، ދައުލަތަށް އާމުދަނީ އިތުރުވެ، އިތުރު ވަޒީފާތައް ވެސް އުފެދޭނެ ކަމަށެވެ.


މީގެއިތުރުން ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން ސޯލާ ސިޓީއެއް ގާއިމުކުރުމަށް މިހާރު ޕްރޮޕޯސަލެއް ލިބިފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ މަޝްރޫއުގެ ތެރެއިން 100 މެގަ ވޮޓްގެ ކަރަންޓު އުފެއްދޭނެކަމުގައި ވިދާޅުވިއެވެ.


ރައީސް ވިދާޅުވީ މާލެ ސަރަހައްދަށް ބޭނުންވަނީ އެންމެ ގިނަވިޔަސް ގާތްގަނޑަކަށް 150 މެގަވޮޓު ކަމަށާއި ސޯލާ ސިޓީއެއް ގާއިމުކުރުމުން މާލެ ސަރަހައްދަށް ބޭނުންވާ ކަރަންޓުގެ ފަންސާސް އިންސައްތަ ކުޑަވެގެންދާނެކަމަށެވެ.


އެމަނިކުފާނު ވަނީ ވަކި ވަކި ވިޔަފާރިތަކަށް ވެސް ފައިދާ ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޗައިނާއާއިއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒުކުރުމަށް މަސައްކަތްކުރައްވާ ކަމުގައި ވިދާޅުވިއެވެ.


އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ ފްރީވެގެން ދާނެކަމަށާއި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7897 ބާވަތަކުން ޑިއުޓީ ފްރީވެގެން ދާނެކަަމަށް ވެސް ވިދާޅުވިއެވެ. އަދި މިއީ ވިޔަފާރިކުރާ އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތުތަކެއްކަން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު