މަގްސަދު ހާސިލުވާނީ ގާނޫނު ތަންފީޒު ކުރުމުން: ނާޒިމް

19 hours ago

އަފްރާހް

ސިނގިރޭޓާއި ވޭޕްގެ ޓެކްސް ބޮޑުކުރިއަސް، މަގްސަދު ހާސިލުކުރެވޭނީ އެ ކަމާބެހާ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމުން ކަމުގައި ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.


ނާޒިމް މިފަދައިން ވިދާޅުވީ ވޭޕް އެތެރެކުރުން މަނާކުރާ ތާރީހާއި ހަމައަށް، އެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށާއި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.


ވޭޕް މަނާކުރާ ހިސާބަށް ދިޔައީ ވެސް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ވުޖޫދުގައި އޮވެ، އެ ގާނޫނުގެ ދަށުން ވޭޕް ރެގިއުލޭޓް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަސް ޖެހުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ގޮނޑި ވެސް ފުރުއްވާ ނާޒިމް ވިދާޅުވިއެވެ.


މީގެއިތުރުން ރާއްޖޭގައި ވޭޕް ބުއިމުގެ އާދަ ފުޅާވީ ޓެކްސްއަށް މަކަރު ހަދައި، ހެޔޮ އަގުގައި ވޭޕް ލިބޭނެ ގޮތް ފަހި ވެގެންދިޔައީމާ ކަމުގައި ވެސް ވިދާޅުވިއެވެ.


ޓެކްސް ބޮޑުކުރުމާ ދިމާލަށް ދާއިރު، ޓެކްސް ބޮޑުކުރުމަށް ބޭނުންވާ މަގުސަދު ހާސިލްވާ މިންވަރާ މެދު ވިސްނަންޖެހޭ ކަމަށާއި ޓެކްސް ބޮޑުކުރިޔަސް ދުންފަތާ ދުރަށް މީހުން ގެންދިއުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން ވަރަށް މުހިއްމުކަން ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު