ބިދޭސީންނާ ގުޅޭ ފީތަކުން 1 ބިލިޔަން ރުފިޔާ ހޯދައިފި

19 hours ago

އަފްރާހް

ބިދޭސީންނާ ގުޅޭ ފީތަކުން 1 ބިލިޔަން ރުފިޔާ މިހައިތަނަށް ހޯދާފައިވާކަމަށް ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮކްޓޯބަރ 22 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.


ބިދޭސީންގެ ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށީ މި އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހުކަން ފާހަގަކުރައްވައި، އެދުވަހާ ހަމައަށް ވިސާ ފީއާއި ވޯކް ޕާމިޓް ފީ އާއި ކޯޓާފީގެ ޖޫރިމަނާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ފައިސާގެ ތެރެއިން މިހާރު ނުލިބި އޮތީ 703 މިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ.


މިނިސްޓަރ އިތުރަށް ވިދާޅުވީ "އޮޕަރޭޝަން ކުރަނގި" މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ ކަމަށާއި ޖޫން 3 ގައި ފެށި މި އޮޕަރޭޝަނުގައި މިހައިތަނަށް 6891 ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށެވެ. އަދި މިހައިތަނަށް 82 ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މި އޮޕަރޭޝަންގެ މަސައްކަތްތައް މިހާރުކުރިއަށްދާ ސްޕީޑަށް ބަލާއިރު، އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް އެ މައުލޫމާތު އެއްކޮށް ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އޮޕަރޭޝަން ވަރަށް އަވަހަށް މާލޭ ސަރަހައްދުގައި ވެސް ފަށާނެކަން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު