ބ. އަތޮޅުގައި އިބަމަ ޕްރޮގްރާމް ފަށައިފި

11 hours ago

އަފްރާހް

މާޅޮސްމަޑުލު ދެކުނުބުރީގައި އިބަމަ ޕްރޮގްރާމު ފަށައިފިއެވެ.


އެ އަތޮޅުގެ ރަށްތަކުގައި އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގްރޫޕްތައް އެކުލަވާލުމަށް ބާއްވާ އިބްތިދާއީ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ތަމްރީނުތައް ފަށާފައިވަނީ އޮކްޓޯބަރ 22 ވަނަ ދުވަހުއެވެ.


އޮކްޓޯބަރ 27 ގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި ތަމްރީނު ކުރަނީ އޭދަފުށި، ހިތާދޫ، މާޅޮސް، ތުޅާދޫ، ގޮއިދޫ، ފެހެންދޫ އަދި ފުޅަދޫގެ ބައިވެރިންނެވެ.


ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގެ ތިއަރީ ބައި ކުރިއަށްދާނީ އޭދަފުށީގައެވެ. އަދި ޢަމަލީ މަސައްކަތުގެ ބައި ކުރިއަށްދާނީ ތަމްރީނުގައި ބައިވެރިވާ ހަތް ރަށުގައެވެ.


މި ޕްރޮގްރާމްގައި ކައުންސިލް އިދާރާ، އ.ތ.މ ކޮމިޓީ، ހެލްތު، ސްކޫލް އަދި ޕޮލިސް ހިމެނޭހެން އެ އަތޮޅުގެ ހަތް ރަށުން ޖުމްލަ 41 ފަރާތެއް ބައިވެރިވެފައިވެއެވެ.


ޔުނިސެފްގެ އެހީގައި ސޯޝަލް މިނިސްޓްރީން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގައި އިބަމަ ގްރޫޕްތައް ބ. އަތޮޅުގައި ގާއިމުކުރުމަށްޓަކައި އެ އަތޮޅު ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުން އަންނަކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު