ޓެކްނީޝަނުން ތަމްރީނުކުރުމަށް ޕޮލީޓެކްނިކާއި އެންވަޔަރްމެންޓް މިނިސްޓްރީ އެއްބަސްވުމަކަށް

20 hours ago

އަފްރާހް

ޓެކްނީޝަނުން ތަމްރީނުކުރުމަށް ޕޮލީޓެކްނިކާއި އެންވަޔަރްމެންޓް މިނިސްޓްރީން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.


މިއީ ރާއްޖޭގެ އެއަރކޮންޑިޝަނިންގ އަދި ރެފްރިޖެރޭޝަން ދާއިރާގައި މަސައްކަތްކުރާ ޓެކްނިޝަނުން ތަމްރީނު ކުރުމާއި ގުޅޭގޮތުން އެ ދެފަރާތުން އެކުލަވާލާފައިވާ ފަހުމުނާމާއެކެވެ. މި ފަހުމުނާމައިގާ މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޠާރިޤު އިބްރާހީމް ސޮއިކުރެއްވިއިރު، ޕޮލިޓެކްނިކުގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓީވް އޮފިސަރ ޒޫޝާން ކަމާލުއްދީންއެވެ.


މިއީ ރެފްރިޖެރޭޝަން އަދި އެއަރކޮންޑިޝަނިންގ ދާއިރާގެ ޓެކްނީޝަނުން ތަމްރީން ކުރުމަށާއި، ތަމްރީން ޕްރޮގްރާމްތަކަށް ބޭނުންވާ ތަކެތި ހޯދުމާއި ރެފްރިޖެރަންޓް ރީސައިކަލިންގ އަދި ރިކްލެމޭޝަން މަސައްކަތް ކުރިއަށް ގެންދިއުމަށް އެކުލާވާލާފައިވާ ފަހުމުނާމާއެވެ. އަދި އައު ޓެކްނޮލޮޖީތަކުގެ ތަމްރީން ފުރުސަތުތައް ޕޮލިޓެކްނިކްގެ ޓްރެއިނަރުނަށް ފޯރުކޮށްދިނުން ވެސް މި ފަހުމާނާގެ ދަށުން ކުރިއަށްދާނެއެވެ.


މި އެއްބަސްވުމުގެ އަމާޒަކީ ރާއްޖޭގައި އެދާއިރާގައި މަސައްކަތް ކުރާ މީހުން ބިނާކޮށް، ޓެކްނީޝަނުންގެ ގާބިލުކަން އިތުރުކޮށް، މި ދާއިރާ އިތުރަށް ހަރުދަނާކުރުމެވެ. އަދި މިދާއިރާގާއި ވަޒީފާގެ ފުރުސަތުތައް އުފައްދައި މުސްތަގްބަލުގައި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ ލައިންސެއްގެ ދަށުން މަސައްކަތްކުރާ ބަޔަކަށް ހެދުމެވެ.


ރާއްޖޭގައި ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ ސަރވިސް ކުރުމުގައި އެންމެ ގިނައިން ބޭނުންކުރާ އެއް މާއްދާއަކީ ހައިޑްރޯފްލޯރޯކާބަން (އެޗްއެފްސީ) އެވެ.


ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާއެއްކަމަށްވާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދަ އޯޒޯން ލޭޔަރ" އަށް ގެނެވުނު 5 ވަނަ އިސްލާހު، "ކިގާލީ އެމެންޑްމަންޓް ޓު ދަ މޮންޓްރިއަލް ޕްރޮޓޮކޯލް" ގެ ދަށުން ދުނިޔެ ހޫނުވުމަށް އަސަރުކުރާ މިންވަރު ބޮޑު މާއްދާ އެއްކަމަށްވާ އެފް.އެފް.ސީ ބޭނުންކުރުން މަދުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.


މިގޮތުން 2045 ވަނަ އަހަރުގެ ނިޔަލަށް އެޗް.އެފް.ސީ ބޭނުންކުރާ މިންވަރު 80 އިންސައްތަ ދަށްކުރުމަށް ވަނީ ކަނޑައަޅާފައެވެ. އެޗް.އެފް.ސީ ގޭހުގެ ބަދަލުގައި ބޭނުންކުރާނެ ބައެއް އޯލްޓަރނޭޓިވްސް އަކީ އަލިފާންރޯވާ ގޭސްތަކަށް ވާތީ މި މަސައްކަތްކުރާ ޓެކްނީޝަނުންނަށް ތަމްރީން ފޯރުކޮށްދިނުމަކީ މުހިއްމު ކަމެކެވެ. 


ކިޔުންތެރިންގެ ހިޔާލު