ވިއެޓްނާމުގެ އައު ރައީސަށް، ރާއްޖޭގެ ރައީސްގެ ތަހުނިޔާ

17 hours ago

އަފްރާހް

ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓްގެ މަގާމާ، ހިޒް އެކްސެލެންސީ ލުއޮންގް ކުއޮންގް ހަވާލުވެވަޑައިގަތުމާ ގުޅިގެން ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.


ރައީސް ޑރ. މުޢިއްޒު ފޮނުއްވި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި ރައީސް ކުއޮންގް ގެ ވެރިކަމުގައި ވިއެޓްނާމަށް ތަރައްގީއާއި ކުރިއެރުން ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމުގައި ވިދާޅުވިއެވެ.


މީގެއިތުރުން ބައިނަލްއަގްވާމީ މުހިންމު ކަންކަމުގައި އެއްބާރުލުން ދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.


ރައީސްގެ މެސެޖުގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި، ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމުގައި ވެސް ވިދާޅުވެފައިވެއެވެ. އަދި ރައީސް ކުއޮންގް އަށް ކާމިޔާބީއާއި ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، އެގައުމުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހައާއި ކުރިއެރުން ލިބެމުންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު