1 month ago
ގްރީންހައުސް ގޭސް (ޖީއެޗްޖީ) ރިޕޯޓިންގ އާ ގުޅޭ ޑޭޓާ އެއްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.
މިއީ އެންވަޔަރްމެންޓް މިނިސްޓްރީ އާއި އާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އާ ދެމެދުސޮއިކުރި ފަހުމުނާމާއެކެވެ.
އެމްސީސީއީއީ އާއި ޔޫއާރުއޭގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރ ތާރިޤް އިބްރާހީމެވެ. އެމްބީއެސްގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓަ ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ.
މިނިސްޓަރ ތާރިޤް ވިދާޅުވީ މި އެއްބަސްވުމަކީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މިއާއެކު، ޖީއެޗްޖީ ރިޕޯޓިންގ އާ ގުޅޭ ޑޭޓާ އެއްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ބައިނަލްއަގްވާމީ މުޖުތަމައަށް ހާމަކުރަންޖެހޭ މައުލޫމާތު އިތުރަށް ފުރިހަމަކުރެވޭނެ ކަމަށެވެ.
މީގެއިތުރން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފިޔަވަޅުތައް އެޅުމަށް ރަނގަޅު މައުލޫމާތު ބޭނުންވާކަމަށާއި މި އެމް.އޯ.ޔޫ އަކީ ޕެރިސް އެއްބަސްވުމުގެ އެންހޭންސްޑް ޓްރާންސްޕޭރަންސީ ފްރޭމްވަރކާ އެއްގޮތަށް ހާމަކަން ބޮޑު އަދި ޖަވާބުދާރީވާންޖެހޭ ރިޕޯޓިންގ އޮނިގަނޑެއް އެކުލަވާލުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވެސް ވިދާޅުވިއެވެ.
ހައުސިންގ މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އެމްބީއެސް އަށް ލިބޭ މައުލޫމާތުގެ ފުރިހަމަކަން އިތުރުވެ، ރާއްޖޭގެ ތަފާސްހިސާބުތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ މަަގްސަދަކީ ރާއްޖޭގައި އެނަރޖީއާ ގުޅޭ ޑޭޓާ އެއްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) އާއި ޕެރިސް އެގްރީމެންޓްގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމުގައި ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް އެހީތެރިވެދިނުމެވެ.