ބީއެމްއެލް އޭޓީއެމްގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފި

1 month ago

އަފްރާހް

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ އޭ.ޓީ.އެމް ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫއު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ.


މި ރަސްމިއްޔާތުގައި މި ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، އެކޮނޮމިކް މިނިސްޓްރީ އާއި ބީއެމްްއެލް އާއި ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.


ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި މި މަޝްރޫއުގެ ދަށުން ފުރަތަމަ އިފްތިތާހުކުރި އޭ.ޓީ.އެމް. އަކީ އދ. އޮމަދޫގައި ގާއިމުކުރި އޭ.ޓީ.އެމް އެވެ.


މިވަގުތު ރާއްޖޭގައި ބީ.އެމް.އެލް ގެ 190 އޭޓީއެމް ގާއިމުކުރެވިފައިވާއިރު، 2025 ވަނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި 250 އަށްވުރެ ގިނަ އޭ.ޓީ.އެމް ގާއިމުކުރުމަކީ މި މަޝްރޫޢުގެ އަމާޒެކެވެ.


މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ގެ ހިދުމަތް ގާއިމުކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު ފުއްދެވުމަށް ކުރިއަށްގެންދަވާ މަސައްކަތެކެވެ.


މި މުހިންމު މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

ސައްލޭ

މާލެ ފިޔަވައި އެންމެ މީހުން ގިނަ ސ. ހިތަދޫގައި ހުންނަނީ އެންމެ އޭޓީއެމް އެކެވެ . ބޭންކަށް ސާބަސް.

1 month ago