1 month ago
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
މި ރަސްމިއްޔާތު ކުރިއަށްދިޔައީ ނޮވެމްބަރ 7 ވަނަ ދުވަހުގެ ހަވީރު ވީއައިއޭގައެވެ.
މި ފިއުލް ފާމްގެ ސަބަބުން ފިއުލް ރައްކާކުރެވޭ ކެޕޭސިޓީ 13.5 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް އިތުރުވެގެންދާނެއެވެ. މިއީ އެއަރޕޯޓުގައި ތެޔޮ ރައްކާކުރުމުގެ ގާބިލުކަން ތިން ގުނަ އިތުރުކޮށްދޭނެ މަޝްރޫއެކެވެ.
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން މި މަޝްރޫއު ފުރިހަމަ ކުރެއްވީ ޗައިނާގެ އެގްޒިމް ބޭންކްގެ ލޯން އެހީ އާއިއެކުއެވެ.
މި މަޝްރޫއުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުރިއެރުމަކީ 8.4 ކިލޯމީޓަރުގެ ދިގުމިނުގެ ފިއުލް ހައިޑްރަންޓް ސިސްޓަމެއް ގާއިމުކުރުމެވެ. މިއީ ތެޔޮ ރައްކާކުރާ ތަނުން ފެށިގެން މަތިންދާ ބޯޓުތައް ޕާކުކުރާ ސަރަޙައްދާ ހަމައަށް ބިމުގެ އަޑީގައި ގާއިމުކޮށްފައިވާ ވިއުގައެކެވެ. މީގެ ކުރިން ބޯޓުތަކަށް ތެޔޮ އެޅުމަށް މުޅިން ވެސް ބޭނުންކުރަމުން އައީ ރިފިއުލަރއެވެ.
އެހެންނަމަވެސް މި ނިޒާމުގެ ސަބަބުން އެއަރ ސައިޓުގައި އުޅަދުތަކުގެ ހަރަކާތްތައް މަދުވެ، ސަލާމަތާ ރައްކާތެރިކަން އިތުރުވާނެއެވެ. އަދި ތެޔޮއެޅުމަށް ހޭދަވާ ވަގުތު ވެސް މަދުވެގެން ދާނެއެވެ. ނަތީޖާއެއްގެ ގޮތުން އަވަސް އަދި ރައްކާތެރިކޮށް މަތިންދާބޯޓުތަކަށް ތެޔޮ އެޅުމުގެ ހިދުމަތް، މި ނިޒާމުގެ ސަބަބުން ފަހިވެގެންދާނެއެވެ.
އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމާއެކު ރައީސް، ވީއައިއޭ އަށް އެކުލަވާލައްވާފައިވާ މާސްޓަރ ޕްލޭންގައިވާގޮތަށް އޮޕްރޭޝަންސް ފުޅާކޮށް ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގޮތުން، މަތީ ފަންތީގައި ގުނާލެވޭ އެއަރޕޯޓަކަށް މި އެއަރޕޯޓް ހެދުމަށްކުރާ ދަތުރު އިތުރަށް ހަލުވިވެގެންދާނެއެވެ. އަދި އޭގެ މަންފާއާ ހެޔޮ އަސަރު ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާނެއެވެ.
އައު ފިއުލް ފާމް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަން ބައްލަވާލައްވާފައެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.