1 month ago
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ދެވަނަ ބުރުގެ ނިމުން ފާހަގަކޮށްފިއެވެ.
މިއީ ސަރުކާރުގެ ހަފުތާ 14 ގެ ހަރަކާތްތަކުގެ ތެރެއިން އިފްތިތާހު ކުރި ޕްރޮގްރާމެކެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ހިންގި ދެވަނަ ބޭސިކް މެރިކަލްޗަރ ކޯސް ނިންމުމުގެ ރަސްމިއްޔާތު މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ބޭއްވީ ނޮވެމްބަރ 9 ވަނަ ދުވަހުއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް އެވެ.
14 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިކޯހުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމުލަ 16 ފަރާތަކުން މިފަހަރު ބައިވެރިވެފައިވެއެވެ. ވަރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއިއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހިންގި މި ކޯހުގެ މަގުސަދަކީ، ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފުކޮށް ތަރައްގީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން އުފެއްދުމެވެ.
މިގޮތުން އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް އެ މަސައްކަތް ކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ ޢަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދީފައިވެއެވެ.
މިފަހަރުގެ މި ކޯސް ފުރިހަމަކުރި 14 ފަރާތާއިއެކު މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމުލަ 26 ފަރާތަކަށް ތަމްރީނު ދެވިފައި ވެއެވެ. މެރިކަލްޗަރ ސިނާއީ ފެންވަރެއްގައި ރާއްޖޭގައި ކުރިއަށް ގެންދިއުމަކީ، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދޭ ކަމެކެވެ.
މިކަމަށް މަގުފަހިކުރުމަށްޓަކައި މެރިކަލްޗަރ ތަރައްގީކުރުމަށް 4 ޒޯނެއް ކަނޑައަޅައި، މަނިޔަފުށްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮންނަ ފަޅެއް، މެރިކަލްޗަރ ކުރުމަށް މިހާރު ވަނީ ކަނޑައަޅާފައެވެ.
އޭގެ އިތުރުން މެރިކަލްޗަރގެ ސިނާއަތު، ބާރު ދުވެއްޔެއްގައި ކުރިއެރުވުމަށްޓަކައި، މެރިކަލްޗަރ ޒޯންތަކުގައި ހަރަކާތްތެރިވާ ފޮރިން އިންވެސްޓަރުންނަށް ގިނަގުނަ ލުއިތަކެއް ދިނުމަށް ވެސް ވަނީ ސަރުކާރުން ނިންމަވާފައެވެއެވެ.