15 hours ago
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ޕްރޮސިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ސައީދު އާއި އެ ކުންފުނީގެ އޭރުގެ އިސް މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައި، މި ދައުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ޑިސެމްބަރ 26 ވަނަ ދުވަހު ހުށަހެޅުއްވި މި ދައުވާތަކުގައި ސަޢީދުގެ މައްޗަށް ވަނީ 2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުނުކޮށް އެ މަސައްކަަތަށްވާ ފައިސާ އެ ކުންފުންޏަށް ދޫކޮށްފައިވާތީއެވެ.
އެހެންކަމުން އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ ކަމަށް ސައީދުގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ.
މީގެއިތުރުން ފެނަކަ ކޯޕަރޭޝަންގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް ޏ. ފުވައްމުލައް، ހޯދަޑު، މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް ވެސް ދައުވާކުރުމަށް ވަނީ އުފުލާފައެވެ.
ސަޢީދު އާއި ދީނާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. މިކުށް ސާބިތުވެއްޖެނަމަ އެ ދެމީހުންގެ މައްޗަށް ވެސް 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމުގެ އަދަބެއެއް އަންނާނެއެވެ.
ފެނަކައިގެ ކުރީގެ މެނޭޖްމަންޓުގެ މި ޢަމަލުގެ ސަބަބުން އެ ކުންފުންޏަށް 848,000 ރުފިޔާގެ ގެއްލުން ލިބިފައިވާކަން ސާބިތުވާކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.