14 hours ago
ގައުމަށް ދިމާވާ ކޮންމެ މުހިންމު ހާލަތެއްގައި ދިވެހިން ދައްކައިދެނީ އެއްބައިވަންތަކަން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ދިވެހިންނަކީ ގައުމަށް ދިމާވާ މުހިންމު ކޮންމެ ހާލަތެއްގައި އަބަދުވެސް ބަދަހިކަން ދައްކާ ބައެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހީންނަކީ ގައުމަށް ދިމާވާ ކޮންމެ މުހިންމު ހާލަތެއްގައި އެއް އާއިލާއެއްގެ ބަދަހިކަން ދައްކާ، އުޚްވަތްތެރި، އެކުވެރި، އޯގާތެރި، ހެޔޮލަފާ ރައްޔިތުންތަކެއް ކަމުގައި ވެސް އެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެވެ.
އިންޑޮނޭޝިއާގެ ސުމަޓްރާގެ ކަނޑު އަޑިއަށް ރިކްޓަރ މިންގަނޑުން 9.1 ގެ ބާރުމިނުގައި އައި ބިންހެލުމާއެކު އުފެދުނު ގުޑުންތައް 8 މިނިޓާއި 10 މިނިޓާއި ދެމެދަށް ދެމިގެންދިޔައެވެ. އަދި މިބިން ހެލުމުގައި މުޅި ދުނިޔެ ވެސް ވައިބްރޭޓްވިއެވެ.
ރާއްޖޭގެ ގަޑިން ފަތިހު 5:58 ގައި އައި މި ބިންލެހުމާއެކު މާސިންގާ ބިޔަ ރާޅުތައް އުފެދުނުއިރު، އުސްމިނުގައި 50 ފޫޓާއި 160 ފޫޓު ހުއްޓެވެ. އެއާއެކު މި ބިޔަ، މާސިންގާ ރާޅުތަކުގެ އަސަރު މިކުޑަކުޑަ ރާއްޖެއަށް ވެސް ކުރިއެވެ. ރާއްޖެއަށް ސުނާމީގެ ރާޅުތައް އަރަންފެށީ ހެނދުނު 9:20 ގައެވެ.
އެ ސުނާމީގައި ދިވެހިންގެ ތެރެއިން 82 މީހަކު ވަނީ ނިޔާވެފައެވެ. އަދި 26 މީހަކު ގެއްލިފައިވާއިރު، 23 ރަށަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އޭގެ ތެރެއިން 4 ރަށެއް އެއްކޮށް ސުންނާފަތިވިއިރު، 15000 މީހުންގެ ގެދޮރުގެއްލުނެވެ.
13 ރަށަކުން މީހުން ހުސްކޮށް، އެހެން ރަށްރަށަށް ބަދަލުކުރަން ޖެހުނެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހައި ރަށަކަށް ސުނާމީގެ އަސަރު ކުރިއެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމުގެ މަގްސަދަކީ ސުނާމީގައި ގެއްލުނު މީހުންގެ ހަނދާން އައުކުރުމާއި، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމެވެ.