މާލޭގެ މަަގަކަށް 'ފަލަސްތީނު ހިނގުން' ކިޔަން ފާސްކޮށްފި

3 months ago

އަފްރާހް

މާފަންނު މަދުރަސާގެ ފުރަގަހުން އޮންނަ ގޯޅިއަށް 'ފަލަސްތީނު ހިނގުން' ކިޔަން މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.


މާލޭގެ ނަންނުދީ އޮތް ދެމަގުގެ ތެރެއިން އެއްމަގަށް ފަލަސްތީނާ ގުޅުވައި ނަމެއް ދިނުމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ހުށައެޅުއްވީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 146 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.


އެހެންކަމުން ޖޫން 27 ވީ ބްރާސްފަތި ދުވަހު ބޭއްވި ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 151 ވަނަ ރަސްމީ އާންމު ޖަލްސާގައި ނިންމާފައިވަނީ ނަން ކިޔާނެ މަގަކާއި އެމަގައް ކިޔާނެ ނަމެކެވެ.


މި ޖަލްސާގައި ނަމެއްގެ ގޮތުގައި ކިޔަން ނިންމާފައި ވަނީ ފަލަސްތީނު ހިނގުން އެވެ. އަދި އެއީ މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ، ކޮރަލް ބޮއުލްވާޑްގެ ދެކުނަށް އޮންނަމަގު ކަމަށް ވެސް ވަނީ ނިންމާފައެވެ.


އެހެންނަމަވެސް އެމަގަށް ނަންކިޔާނެ ތާރީހެއް އަދިނިންމާފައެއް ނުވެއެވެ.


އެމަގަށް ކިޔާނެ ނަން ފާސްކުރީ ޖަލްސާގައި ބައިވެރިވި ހުރިހައި މެންބަރުންގެ އިއްތިފާގުންނެވެ.


މާލޭގެ މަގަކަށް ފަލަސްތީނާއި ގުޅުވައި ނަން ކިޔަން ނިންމީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް އޮތް ތާއީދު ހާމަކޮށް ދިނުމުގެ ގޮތުންނެެވެ.


ކިޔުންތެރިންގެ ހިޔާލު