އަންހެނުންނަށް ދިމާވާ ބައެއް މައްސަލަތަކާއިގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވަނީ

3 months ago

އަފްރާހް

އިއްދައިގައި ދިމާވާ މައްސަލަތަކާއި އުރަމަތި އަދި ރަހިމުގެ ކެންސަރާއި ގުޅޭ މުހިންމު މައުލޫމާތުތައް ހިމެނޭ ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.


އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ސެޝަން، ނަންގަވައިދެއްވާނީ ހުޅުމާލެ ހޮސްޕިޓަލުގެ ވެލް ވިމެން ކްލިނިކްގެ ފަރާތުން މި ސެޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޖުލައި 11 ވާ ބްރާސްފަތި ދުވަހުގެ ހަވީރު 4:15 ން 5:45 އަށެވެ.


އުމުރުން ދުވަސްވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ނުހަނު މުހިންމު ކަމެކެވެ. ވަކިން ހާއްސަކޮށް އުރަމަތީ ކެންސަރާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ފަދަ ބަލިތަކަކީ ދުރާލާ ދެނެގަނެވިއްޖެ ނަމަ ފަރުވާ ހޯދި ފަސޭހަވާ ބަލިތަކެއްކަމުން، މިފަދަ މައުލޫމާތުތައް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމުގައިވާތީ، އިސްރަށްވެހިންގެ ނާދީން ގެންދަނީ ސިލްސިލާ ގޮތެއްގައި މިފަދަ ތަފާތު މައުލޫތަކާއި ގުޅޭ ސެޝަންތައް ނަގަމުންނެވެ.


އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ ކޮންމެ ހަރަކާތަކީ ވެސް ދޮށީއުމުރުގެ މީހުންގެ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.


އެހެންކަމުން އަންހެނުންނަށް ދިމާވާ ތަފާތު މައްސަލަތަކާއި ގުޅޭގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސެޝަންގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތުމަކީ އިސްރަށްވެހިންގެ ނާދީގެ ވަރަށް ބޮޑު އެދުމެއްކަމުގައި އެ ފަރާތުން ވިދާޅުވެއެވެ. 


ކިޔުންތެރިންގެ ހިޔާލު