ފަތުރުވެރިކަން ކުރިއެރުވުމަށް ޗައިނާ އާއި ގުޅިގެން ކުރެވެންހުރި ކަންކަމަށް މަޝްވަރާކޮށްފި

3 months ago

އަފްރާހް

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޗައިނާ އާއި ގުޅިގެން ކުރެވެންހުރި ކަންކަމަށް މަޝްވަރާކޮށްފިއެވެ.


މި މަޝްވަރާ ކުރައްވާފައިވަނީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ ވަން ލިޒިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވަނީ ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން މަޝްވަރާކުރެއްވިކަން ފާހަގަކުރެއްވިއެވެ. އަދި އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒުކޮށް ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށް ކުރެއްވެންހުރި ކަންކަމާއި ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.


މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ ރާއްޖޭން މިވަގުތަށް އެންމެ ބޭނުންވާނެ ކަންކަން ރައީސްގެ ފަރާތްޕުޅުން އޮޅުންފިލުއްވައި އެކަންކަން ކޮށްދިނުމަށް ޗައިނާ ސަރުކާރަށް ވެވެންއޮތް އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެކަމުގައި ވިދާޅުވެފައެވެ.


ރާއްޖެއާ ޗައިނާ އާދެމެދު އޮންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމަނާ ވަނީ ޗައިނާގެ ރައީސް ރާއްޖެއާމެދު ބަހައްޓަވާ ހާއްސަ ގާތްކަމާއި ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވެސް މިބައްދަލުވުމުގައި މަޝްވާރާކުރެއްވިއެވެ.


މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް އެއްބާރުލުންދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.


މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސްވެރިން ވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.


މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ހުރިހައި ގައުމަކާ ގުޅިގެން، ވަޒަން ހަމަކޮށް ހަލުވި، ބާރުމިނުގައި ގައުމު ތަރައްގީކުރުމަށް މަސައްކަތްކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު