ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސް ޑރ. މުޢިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވާ

3 months ago

އަފްރާހް

ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ނައިބު ރައީސް އަލް އުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ އެންމެ މުހިންމުކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަމުންނެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގައި ބިން ހިއްކާފައިވާ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ތަރައްގީކުރުމާއި ގެދޮރު އިމާރާތްކުރުމަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުން ހިމެނެއެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިޔަށްގެންދިއުމާއި މަޑުޖެހިފައިވާ ބައެއް މަޝްރޫއުތައް ކުރިޔަށްގެންދާނެ ގޮތްތަކެއް ހޯދުން ހިމެނެއެވެ.


މީގެ އިތުރުންސިއްހީ ހިދުމަތާ ތައުލީމީ ދާއިރާގެ ވަސީލަތްތައް ތަރައްގީކުރުމާއި ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީ އަށް އެންމެ މުހިންމު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.


މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރާއްޖެއަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރައްވައި ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.


ހަމަމިއާއެކު ތަރައްގީގެ ހުރިހައި ކަމެއްވެސް ސަރުކާރާއި ރައީސް ވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ކައުންސިލުން ވެސް އަބަދުވެސް ތަރައްގީގެ ފިކުރުގައި ދެމިތިއްބެވުމަށް އެދިވަޑައިގެންފައެވެ.


މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައި، އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގެ ޔަގީންކަން ނައިބު ރައީސް ވަނީ މެންބަރުންނަށް ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު