5 months ago
ކުނީގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހިރާހަކީ ހެދިފައިވާ ގަވާއިދުތަކަށް ޢަމަލުނުކުރުން ކަމަށް އެންވަޔަރްމެންޓް މިނިސްޓަރ ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ އެ މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ގަވާއިދާ ޚިލާފަށް ޢަމަލު ކުރާ ފަރާތްތަށް ދެނެގަނެ އެފަރާތްތަކާއި މެދު ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ރަށު ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ކުނި އެޅުން މަނާ ސަރަހައްދުތައް ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާ އިރުވެސް އެއަށް ސަމާލުކަން ނުދީ އެކި ފަރާތްތަކުން ޢަމަލުކުރަމުން ދާކަން ފާހަގަކުރައްވައި، ވަނީ އެ ގަވާއިދުގައި ކަނޑުގައި ދުއްވާ އުޅަނދު ފަހަރުން އެ އުޅެނދެއްގައި އުފައްދާ ކުންޏާއިމެދު ޢަމަލު ކުރަންޖެހޭގޮތް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް އެއާ ޚިލާފަށް މިފަދަ އުޅަނދު ފަހަރުން ކަނޑަށާއި ރަށްރަށުގެ ހޭޅިފަށަށް ކުނި ބާލާ މަންޒަރު ފެންނަމުންދާކަން ހިތާމައާއެކު ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ރަައްޔިތުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާކަން ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ކުނި މެނޭޖްކުރުމުގެ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއްކަމަށްވީ ނަމަވެސް، ރިސޯރޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ކުނި ގެންދާ މައްސަލަ ވެސް ފާހަގަވެފައިވާ ކަމަށެވެ.
މިފަދަ މައްސަލަތަކުގެ ސަބަބުން، ރާއްޖޭގައި ހެދިފައިވާ ކުނި މެނޭޖްކުރުމުގެ ސިސްޓަމްތައް އެންމެ އެކަށީގެންވާ ފެންވަރުގައާއި އެންމެ އެކަށީގެންވާ ޚަރަދެއްގައި ނުކުރެވޭކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން މުޅިން އައު ގައުމީ ސިޔާސަތުތަކެއް އެކުލަވާލާ އެތަންފީޒުކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. މި ސިޔާސަތުގައި ހިމެނޭ އެންމެ މުހިއްމު އެއްކަމަކީ ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދިނުމަށް ޕްރައިވެޓް ސެކްޓަރއަށް ރަސްމީކޮށް ހުޅުވާލުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން އަތޮޅުފެންވަރުގައި ޚިދުމަތް ދިނުމަށް އަތޮޅު ކައުންސިލްތަކަށްވެސް މިހާރު ހުރަހެއް ނެތް ކަމަށް މިނިސްޓަރ ތާރިގް ވިދާޅުވިއެވެ.
މީގެއިތުރުން ވިޔަފާރިއެއްގެ ގޮތުގައި ރީސައިކަލް ކުރުމަށް ހުޅުވާލުމަކީ ވެސް މިސިޔާސަތުގެތެރޭގައި ހިމެނޭ ކަމެއް ކަމަށާއި މިކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު މިނިސްޓްރީން އެކުލަވައިލާ، ގެޒެޓްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.