ފިސްޑާގެ އަމާޒު ހަށިހެޔޮ, ދުޅަހެޔޮ ފުވައްމުލައް ސިޓީއަކާއި ދިމާލަށް

3 months ago

އަފްރާހް

ފުވައްމުލައް ސިޓީގެ ޖަމިއްޔާއެއް ކަމުގައިވާ ފުވައްމުލައް ސިޓީ ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮމެންޓް އެސޯސިއޭޝަން (ފިސްޑާ) އިން އިސްނަގައިގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.


މިއީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ސަދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއިއެކު އެއްމަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.


'ހަށިހެޔޮ ދުޅަހެޔޮ' ގެ ނަމުގައި މި ޖުލައި މަހުގެ 7 ވަނަ ދުވަހު، މިޕްރޮގްރާމް ފަށައިފައިވަނީ އެސިޓީގައި ދިރިއުޅެމުން އަންނަ ދެޖިންސުގެ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިގެންނެވެ. އެގޮތުން ފުރަތަމަ 70 ސްލޮޓް ހުޅުވައިލިނަމަވެސް ހީނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބިފައިވުމުގެ ނަތީޖާއަކީ އެއަދަދު އިތުރުކޮށް 120 ބައިވެރިންނަށް ފުރުސަތު ދިނުމެވެ.


"އަޅުގަނޑުމެން އަސްލު ފުރަތަމަ ހުޅުވާލީ 70 ޖާގަ، އެއީ ދެ ދަންފަޅިއަކަށް ކުރިއަށް ގެންދާގޮތަށް. އެހެން ނަމަވެސް ރަޖިސްޓަރވާން ހުޅުވާލިތާ ފުރަތަމަ ގަޑިއިރު ތެރޭ އެކަނިވެސް 70 ސްލޮޓް އެއްކޮށް ފުރުނު. ވަރަށް ބޮޑު އަދި އަވަސް ތަރުހީބެއް ލިބިގެންދިޔައީ." މި ޕްރޮގްރާމާއި ބެހޭގޮތުން ފިސްޑާގެ ޖެނެރަލް ސެކްރެޓަރީ ފާތިމަތު ޝުކުރީ (ފާތުން) ވިދާޅުވިއެވެ.


މީގެއިތުރުން އޭނާ ވިދާޅުވީ ޕްރޮގްރާމް ކުރިއަށްދާއިރުވެސް ބައިވެރިވުމަށް މީހުން އެދެމުންދާ ކަމަށެވެ. އެހެންކަމުން ކިރިޔާވެސް ފުރުސަތެއް ދެވެން އޮތް ނަމަ، އެފުރުސަތު ދެމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.


ފުވައްމުލައް ސިޓީގެ 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނަށް ކުރިއަށް ގެންދާ މިޕްރޮގްރާމުގެ މަގުސަދަކީ އެ ސިޓީގައި ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށް ކަސްރަތު ކުރުމުގެ ރޫހު ދެޖިންސުގެ އެކި އުމުރުގެ މީހުންގެ މެދުގައި އާލާކޮށް ދުޅަހެޔޮކަން އިތުރު ކުރުން ކަމަށް ފިސްޑާ އިން ހާމަކުރައްވައެވެ.


އެގޮތުން 'އޮއިވަރު' އަށް ފާތުން ވިދާޅުވީ އެ ސިޓީއަކީ ޒަމާނުއްސުރެ ސްކޫލް އެތުލެޓިކްސްގައި ރަން ވަނަތަކެއް ހޯދުމުގައި މަޝްހޫރު ސިޓީއެއް ކަމަށެވެ. އަދި ކަސްރަތަށް ވަރަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ސިޓީއެއް ކަމަށެވެ.


ހަމަމިއާއެކު ކަސްރަތުގެ ތެރެއިން ރަށުގެ އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރުމަކީ ވެސް މިފަދަ ހަރަކާތެއްގެ ތެރެއިން ހާސިލުކުރަން ބޭނުން ކަމެއްގެ ގޮތުގައި ފާތުން ވިދާޅުވިއެވެ.


އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ފަރާތުން ކަސްރަތު ސެޝަންތައް ނަގައިދެމުން އަންނަ މިޕްރޮގްރާމުގައި ކަސްރަތު ކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާ ހުރި ގުޅުން އަދި އެކަމުން ލިބިދޭ އެކިކަހަލަ ފައިދާތައް ބައިވެރިންނަށް ކިޔަވައިދޭނެއެވެ. އަދި ހަށިހެޔޮ ދުޅަހެޔޮކޮށް ހުރުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ ފައިދާހުރި ކާނާއާއި ހަށިހެޔޮ ދުޅަހެޔޮކޮށް ހުރުމަށްޓަކައި ކުރެވޭނެ ކަސްރަތުތަކާއި އެކަމާއި ގުޅޭ އެހެނިހެން މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


2008 ވަނަ އަހަރު ވުޖޫދުވި ފިސްޑާ އިން އަންނަނީ ފުވައްމުލައް ސިޓީގެ އިޖުތިމާއީ ގިނަ ހަރަކާތްތަކާއި ކުޅިވަރު މުބާރާތްތަކުން ވެސް ފެންނަމުންނެވެ.


ފިސްޑާ އިން މިފަހަރުގެ ކަސްރަތު ޕްރޮގްރާމު ކުރިއަށްގެންދަނީ ޒޫމްޑީލްސް، އައިބޭ، ލޭއައުޓް، ކަނދުވަލި ގަރާޖް، ޕޭންޓްރީ ޝޮޕް, ވައިޓް ކޯލާ އަދި ހީލިންގ ޕޮއިންޓްގެ އެހީތެރިކަމާއިއެކުއެވެ. 


ކިޔުންތެރިންގެ ހިޔާލު