ބައްސާމަށް ކުރި ތުހުމަތު ސާބިތެއް ނުވޭ، އިސްތިއުފާދެއްވީ އަމިއްލައަށް

5 months ago

އަފްރާހް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ބައްސާމް އާދަމް، އިސްތިއުފާ ދެއްވުމާއި ގުޅިގެން މީސްމީޑިއާގައި ތަފާތު ވާހަކަތަކެއް ވަނީ ފެތުރިފައެވެ.


އެއީ ބަރލިންގ ގައި މިއަހަރު ބޭއްވި އައިޓީބީ ފެއާރގެ ތެރެއިން އެމްއެމްޕީއާރުސީގެ އަންހެން މުވައްޒަފަކަަށް އޭނާގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތުހުމަތުވެ، އެކަމުގެ އިނގިލި ދިއްކޮށްފައިވުމާ ވެސް އެކުގައެވެ. އެހެންވެ، ސަރުކާރުން އޭނާ މަގާމުން ވަކިކުރީ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ.


އެހެންނަމަވެސް އޭނާ މަގާމުން ވަކިކުރީ ނޫން ކަމަށާއި ޖިންސީފުރައްސާރައިގެ ތުހުމަތު ވެސް ސާބިތުވެފައި ނުވާކަން ހާމަވެއްޖެއެވެ.


މީސްމީޑިއާ އަދި 'އޮއިވަރު' އަށް ބައްސާމް ހިއްސާކުރެއްވި ލިޔެކިޔުންތަކުން ވެސް އެކަން ދޭހަވާއިރު، އޭނަގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން އެ ކުންފުނިންވަަނީ މައްސަލަ ބަލާފައެވެ. އަދި އެ މައްސަލަ ބެލި މުއްދަތުގައި ބައްސާމް ހުންނެވީ ވެސް ސަަސްޕެންޝަނުގަައެވެ.


އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ސޮއި ކުރައްވާ ބައްސާމަށް ފޮނުއްވި ސިޓީގައި ވަނީ އެ ތުހުމަތު ތަހުގީގުކުރުމަށްފަހު، އޭޕްރީލު މަހުގެ 29 ވަނަ ދުވަހު ކޮމިޓީން ނިންމީ އައިޓީބީ ފެއާރގައި ބައިވެރިވި އެއްވެސް މުވައްޒަފަކަށް ކުންފުނީގެ އެހެން މުވައްޒަފެއްގެ ފަރާތުން ޖިންސީ ފުރައްސާރައެއް ކުރިމަތިވެފައި ނެތް ކަމަށެވެ.


'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ބައްސާމް ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވާ ފިޔަވަޅުތަކަށް ފުރިހަމައަށް އިހުތިރާމު ކުރެއްވުމާއެކު، މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.


މީގެއިތުރުން ޑިޕިއުޓީ އެމްޑީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީގައި ހޭދަކުރެއްވި މުއްދަތުގައި ކުންފުނީގެ މުވައްޒަފުންގެ ދުޅަހެޔޮކަން ހަރުދަނާކުރުމަށާއި ފަަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ މާކެޓުކުރުން އިތުރަށް ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަކަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގުޅުންތައް އިތުރުކުރަން ކުރެއްވުނު މަސައްކަތްޕުޅާމެދު ވެސް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.


ބައްސާމް އިތުރަށް ވިދާޅުވީ އެ މުއްދަތުގައި ލިބިވަޑައިގެންނެވި ފުރުސަތުތަކަށާއި އެއްބާރުލުމަށް ނިހާޔަތަށް ޝުކުރުވެވަޑައިގަންނަވާ ކަމަށެވެ.


އޭނާ ވަނީ އެމްއެމްޕީއާރުސީއަށް ކުރިމަތިވި އެންމެ ދަތި ވަގުތުގައި އެ ކުންފުނި ހިންގެވުމާއި ހަވާލުވެވަޑައިގެން ކުންފުނީގެ ކުރިއެރުވުމަށް އިސްކަންދެއްވައި، ރާއްޖެ އިޝްތިހާކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު