ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުގެ ޤުރްއާން ކްލާސްތައް ވިލިމާލެއަށް

3 months ago

އަފްރާހް

ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުގެ ޤުރްއާން ކްލާސްތައް ވިލިމާލޭގައި ހިންގާނެ އިންތިޒާމު ހަމަޖައްސަން ނިންމައިފިއެވެ.


މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ ވިލިމާލޭގައި ކީރިތި ޤުރުއާން ކުރިއެރުވުމަށްޓަކައި، ޤުރުއާނުގެ ކްލާސްތައް ހިންގުމަށް ވިލިމާލޭގައި ހުންނަ މަސްޖިދު ބިއްރި ގެ ހޯލް ހަމަޖައްސައި ދިނުމަށް ފާސްކޮށްފައިވާ ކަމަށެވެ.


މިގޮތަށް ފާސްކުރީ ޖުލައި 10 ވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހައި މެންބަރުންގެ ތާއީދާއެކުގައި ކަަމަށް ވެސް ވިދާޅުވިއެވެ.


މި ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިވަގުތު ބަޖެޓު ހުރިގޮތުން ތަނެއް އަޅައިގެން ޤުރުއާން ކިޔަވައިދޭނެ އިންތިޒާމް ވިލިމާލޭގައި ހަމަޖެއްސުމަކީ އުނދަގޫކަމެއްކަމަށް އެ މަރުކަޒުން ވިދާޅުވެފައިވާ ކަމަށެވެ.


އެެހެންވެ، ޤުރުއާން ކުރިއެރުވުމަށް ވިލިމާލޭގައި ތަނެއް ބޭނުންވާ ކަމަށް ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުން ވިދާޅުވެފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.


"ޤުރުއާން ކުރިއެރުވުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުވެސް ދެކޭގޮތުގައި ހޯލެއް ހުރިއްޔާ ވީހާވެސް އަވަހަކާ އެ ހޯލެއް ދިނުމަކީ މުހިންމުކަމަށް ފެނޭ." މޭޔަރު ވިދާޅުވިއެވެ.


އާޒިމް ވިދާޅުވީ ކައުންސިލުން ދެވެން ހުރި ހުރިހައި އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކައުންސިލުން އެ މަރުކަޒާ ތަން ހަވާލުކުރާނީ އެކަމަށް ބޭނުންވާ ބަދަލު ގެނައުމަށްފަހު ކަމަށް ވެސް ވިދާޅުވިއެވެ.


ރަށްރަށުގައި ކީރިތި ޤުރުއާން ކިޔެވޭނެ އިންތިޒާމް އެންމެ ފުރިހަމައަށް ހަމަޖެއްސުމަކީ ސަރުކާރުގެ ވައުދުދެކެވެ. އަދި އިސްލާމްދީނަށް ލޯބިކުރާ ދިވެހިވަންތަ ޤައުމިއްޔަތެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމެއް ވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު