ސަމާލުވޭ! އޮޅުވާލައިގެން ދަރިވަރުން އަތުން ފައިސާ ހޯދަނީ

3 months ago

އަފްރާހް

ސަރުކާރުން ދޭ ސްކޮލަރޝިޕަށް ނުވަތަ ލޯނު ހޯދުމަށް އެދިފައިވާ ނުވަތަ ލޯނު ދިނުމަށް ހޮވިފައިވާ ދަރިވަރުންނާ ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުން ދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިކަން ކުރާ މީހަކު ނުވަތަ ބަޔަކު ގުޅަނީ އެ މިނިސްޓްރޫގެ ނަމުގައި ކަމަށެވެ.


މިހައިތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުންދަނީ ވިސާ ހަމަޖެއްސުމާއި ޓިކެޓް ގަތުންފަދަ ކަންކަމާއި އެހެނިހެން ބައެއް ކަންކަން ކުރުމަށް ފައިސާ ބޭނުންވާކަމަށް ބުނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދަރިވަރުންނަށް ފައިސާ ދޫކުރުން އަވަސް ކޮށްދެވޭނީ ފައިސާ ދިނުމުންކަމަށް ވެސް ބުނަމުން އަންނަކަމަށް ވިދާޅުވިއެވެ.


އެ މިނިސްޓްރީން ވިދާޅުވީ ސަރުކާރުން ދޭ ސްކޮލަރޝިޕަކަަށް ވިޔަސް ނުވަތަ ލޯނަކަށް ވިޔަސް ދަރިވަރަކު ހޮވުމަކަށް، އަދި ހޮވިފައިވާ ދަރިވަރެއްގެ އެއްވެސްކަމަކަށް އެ މިނިސްޓްރީއަށް، އެއްވެސް ދަރިވަރަކު، އެއްވެސް ކަމަކަށް، ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމަށެވެ. އަދި ކަމެއް އަވަސް ކުރުމަކަށް ވެސް އެއްވެސް ފައިސާއެއް ދޭން ނުޖެހޭނެ ކަމަށެވެ.


ދަރިވަރުންނާއި ގުޅޭ ކަންކަމުގައި އެ މިނިސްޓްރީން މުއާމަލާތް ކުރަމުންދާނީ އެކަމަށް ހާއްސަކޮށްފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި ޕޯޓަލް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރީއާ އިން ކަމަށް ވެސް ވިދާޅުވެއެވެ. އެހެންނަމަވެސް ކޮންމެހެން ގުޅަން ޖެހިގެން ބައެއް ހާލަތްތަކުގައި ފޯނުން ވެސް ގުޅަން ޖެހިއްޖެނަމަ ގުޅާނެ ކަމަށް ވިދާޅުވެއެވެ.


އެހެންކަމުން ދަރިވަރެއްގެ އެއްވެސް ކަމަކާއި ގުޅޭގޮތުން ކޯލެއް ލިބިއްޖެ ހިނދެއްގައި، އެ ގުޅާ ނަންބަރަކީ މިނިސްޓްރީގެ ނަންބަރެއްކަން ޔަގީންވާ ކަމުގައި ވަނީނަމަ ނޫނީ ގުޅާ މީހަކީ މިނިސްަޓްރީގެ މުވައްޒަފެއްކަން ކަށަވަރުކުރެވިފައިވާ ހާލަތުގައި މެނުވީ އެއްވެސް ޒާތީ މައުލޫމާތެއް ހިއްސާ ނުކުރުމަށް ވަނީ އެދިލައްވާފައެވެ. އަދި އެއްވެސް ހާލަތެއްގައި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް އިލްތިމާސް ކުރްއްވައެވެ.


އެ މިނިސްޓްރީން ދަރިވަރުންނަށް ދޭ އެއްވެސް ހިދުމަތަކީ އެކަމަށް ދަރިވަރުންގެ ފަރާތުން އެއްވެސް އަގެއް ދައްކަން ޖެހޭ ހިދުމަތެއް ނޫން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު