ކޮންމެ ރައްޔިތަކީ ދިވެހިންގެ ކުރިމަގަށް ކުރާ އުއްމީދުގެ ބައިވެރިއެއް: ރައީސް

3 months ago

އަފްރާހް

ކޮންމެ ރައްޔިތަކީ ދިވެހިންގެ ކުރިމަގަށް ކުރާ އުއްމީދުގެ ބައިވެރިއެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހާއި ގުޅިގެން ތަހުނިޔާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައެވެ.


'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ މި ގައުމަށް އަގުހުރި ދަރިއެއް ކަމަށެވެ. އަދި އެއިން ކޮންމެ ރައްޔިތަކީ ދިވެހިންގެ ކުރިމަގަށް ކުރާ އުއްމީދުގެ ބައިވެރިއެއް ކަމަށެވެ.


ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށަށް ގޮސްފައިވާކަން، އެންމެފަހުން ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. މިކަންބޮޑުވުން އިތުރުވާ މައިގަނޑު ސަބަބަކީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ މަސައްކަތްކުރާ އުމުރުގެ އާބާދީ ބޮޑުތަނުން ދަށަށް ގޮސް ގައުމުގެ އިގްތިސާދަށް އަސަރުކުރާނެ ކަމެއް ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.


އެހެންކަމުން ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ގައުމީ ފެންވަރުގައި މަޝްވަރާތައް ފަށަން ޖެހިފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.


ރާއްޖޭގައި އެންމެފަހުން ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ މަސައްކަތްތަކުގެ ނަތީޖާގައިވާގޮތުން 2014 ވަނަ އަހަރު ރާއްޖޭގެ އާބާދީއަކީ 338434 މީހުންނެވެ. އަދި 2022 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އާބާދީއަކީ 382751 މީހުންނެވެ.


މި ނަތީޖާއަށް ބަލާއިރު، އެ 8 އަހަރު ތެރޭގައި އާބާދީއަށް އިތުރުވެފައިވަނީ 44317 މީހުންނެވެ. އެއީ އެވްރެޖްކޮށް އަހަރަކު 5500 ކުދިންނެވެ.


ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަ ކުރަން ފަށާފައިވަނީ 1989 ވަނަ އަހަރު އ.ދ އިންނެވެ.


ކިޔުންތެރިންގެ ހިޔާލު