އަޑު އިވުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްސަ ކޯސްތަކެއް

3 months ago

އަފްރާހް

އަޑު އިވުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ކޯސްތަކެއްގެ ފުރުސަތު ހުޅުވާލައިފިއެވެ.


މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ކުރިއަށް ގެންދާ ކޯސްތަކެކެވެ.


މި ކޯސްތަކަކީ ބައިވެރިންނަށް އެމީހުން ޚިޔާރުކުރާ ދާއިރާތަކުން ކުރިއަރާނެ ގޮތަށް، ހުނަރު ތަރައްގީ ކުރުމަށް ފަރުމާކޮށްފައިވާ ކޯސްތަކެއް ކަަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.


މިނިސްޓްރީން ވިދާޅުވީ ހިންގުމަށް ހަމަޖެހިފައިވަނީ އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސްގެ ދާއިރާއިންނާއި ކޭކު ޒީނަތްތެރިކުރުމުގެ ދާއިރާއިން ކަމަށެވެ. އަދި މިއީ ގައުމީ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެއް ކަމަށެވެ.


މި ދެ ކޯސް ވެސް ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕޮލިޓެކްނިކްގެ މާލެ ކެމްޕަހުގައި ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.


މިފަދަ ކޯސްތަކަކީ މުޖުތަމައުގައި އެންމެހައި ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރާ މުހިންމު މަސައްކަތުގެ ބައެކެވެ. މި ކޯސްތަކަށް ވީހާވެސް ގިނަ ފަރާތްތައް ކުރިމަތިލައި، އަގުހުރި ހުނަރުތައް ހޯދުމަށް މި ތަފާތު ފުރުސަތުގެ ބޭނުން ހިފުމަށް މިނިސްޓްރީން އިލްތިމާސް ކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު