ލޭ ހަދިޔާކުރުމާއި ލެޔާއިގުޅޭ ހިދުމަތްތައް ބެލެހެއްޓުމަށް ހާއްސަ އެޕްލިކޭޝަނެއް

3 months ago

އަފްރާހް

ލޭ ހަދިޔާކުރުމާއި ލެޔާއިގުޅޭ ހިދުމަތްތައް ބެލެހެއްޓުމަށް ހާއްސަ އެޕްލިކޭޝަނެއް ތައާރަފްކޮށް އިފްތިތާހުކޮށްފިއެވެ.


އެޗްއާރުޑީއެންސީ އެލްއެލްޕީ ގެ ފަރާތުން ހެލްތު މިނިސްޓްރީ އާއި ގުޅިގެން ލޭ ހަދިޔާކުރުމާއި ލޭގެ ހިދުމަތްތައް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ކަމަށްވާ "ލޭ އެޕް" އިފްތިތާހް ކޮށްފައިވަނީ ޖުލައި 11 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެްގައެވެ.


ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް ޑރ. ޢަބްދު ޚަލީލެވެ.


މި އެޕަކީ ރާއްޖޭގެ ސިއްީ ހިދުމަތުގެ ނިޒާމުގައި ލޭ ހަދިޔާކުރުމާއި ލެއާއި ގުޅުންހުރި ހިދުމަތްތައް ހަރުދަނާކޮށް ފޯރުކޮށްދިނުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މި އެޕްލިކޭޝަންގެ ސަބަބުން ލޭގެ ސަޕްލައި މެނޭޖްމަންޓް ކުރިއަށް ގެންދާ ގޮތް ބަދަލުކޮށް، ސިއްހީ ހިދުމަތް ތަންތަނުގެ ބޭނުންތަކަށް ލޭގެ ސަޕްލައި އެންމެ އެކަށީގެންވާ ފެންވަރެއްގައި ބެލެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.


ހެލްތު މިނިސްޓްރީން ވިދާޅުވީ މި އެޕަކީ ސިއްހީ ހިދުމަތުގެ އިންފްރާސްޓްރަކްޗަރއަށް ވަރަށް އަގުހުރި އެސެޓަކަށް ވެގެންދާނެ އެއްޗެއް ކަމުގައިވާނެ ކަމަށެވެ. އަދި އެހީދޭ ފަރާތްތަކަށާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ކޮންމެހެން ބޭނުންވާ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.


މީގެއުތުރުން ލޭ ހަދިޔާކުރުމާއި މެނޭޖްކުރުމުގެ ހިދުމަތުގައި އައު މިންގަނޑެއް ކަނޑައަޅައި، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ލޭ މެދުކެނޑުމެއް ނެތި ލިބޭނެ މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު