ފެނާއި ސާފުތާހިރުކަމާއި ސިއްހަތާއި ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް ވޯކްޝޮޕެއް

3 months ago

އަފްރާހް

ފެނާއި ސާފުތާހިރުކަމާއި ސިއްހަތާއި ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް ބ. ތުޅާދޫގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.


މަލްޓި ސްޓޭކްހޯލްޑަރ ވޯޓަރ ސެނިޓޭޝަން އެންޑް ހައިޖީން ސޯޝަލް އޮޑިޓް އަދި އެޑްވޮކޭޝަން ޓްރެއިނިންގ ވޯކްޝޮޕް ބާއްވާފައިވަނީ ޖުލައި 8 އަދި 9 ވަނަ ދުވަހުއެވެ.


މިއީ ފެނާ ސާފުތާހިރުކަމާއި ބެހޭ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި 6 (އެސް.ޑީ.ޖީ) ހާސިލް ކުރުމަށް އެހީވެދިނުމުގެ ގޮތުން ފްރެޝްވޯޓަރ އެކްޝަން ނެޓްވޯކް ސައުތު އޭޝިޔާ (ފަންސާ މޯލްޑިވްސް) އިން، ދެކުނު އޭޝިޔާ ސަރަހައްދުގައި ހިންގާ ޕްރޮޖެކްޓުގައި ފެނާއި ސާފުތާހިރުކަމާއި ސިއްޙަތާއި ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި ވޯކްޝޮޕެކެވެ.


މި ވޯކްޝޮޕުގައި އެންމެ އިސްކަމެއް ދީގެން އަލިއަޅުވާލާފައިވަނީ ސޯޝަލް އޮޑިޓް ކުރާނެ ގޮތްތަކާއި، އިންފުލުއެންޝަލް އެޑްވޮކަސީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކޮށް، އެފަދަ ފަރާތްތައް ވެސް އެހެން ފަރާތްތަކެކޭ އެއްފަދައިން އެއްހަމައެއްގައި ކަންކަމުގައި ޝާމިލު ކުރެވޭނޭ ގޮތްތަކަށެވެ.


މީގެއިތުރުން ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގައި ޖެހިފައި ހުރި މައްސަލަތައް ފާހަގަކޮށް، އެ ކަންކަމަށް ހޯދޭނެ އެކަށޭނަ ހައްލުތަކާއިމެދު މަޝްވަރާ ކޮށް ޢަމަލީ ހަރަކާތްތަކެއް ހިންގިފައިވެއެވެ.


މި ވޯކްޝޮޕްގެ ސަބަބުން މި ވޯކްޝޮޕްގެ ބައިވެރިންނަށް ބޭނުންތެރި އެތައް މަޢުލޫމާތުތަކެއް ލިބިގެން ދިޔައެވެ. ވަކިން ހާއްސަކޮށް އެރަށުގެ ފެނާއި ނަރުދަމާ ނިޒާމުގައި ހުރި މައްސަލަތަކަށް ރައްޔިތުން އަހުލުވެރިވިއެވެ. އަދި އެކަންކަމުގައި ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނަށާއި އާންމު ރައްޔިތުންގެ ޒިންމާ އަދާކުރުމަށް ބާރުއެޅިގެން ދިޔައެވެ.


މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް ކުރެވޭނެ ކަންތައްތަކާއި މެދުވެސް ޢާއްމު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރެވިފައި ވެއެވެ.


މި ވޯކްޝޮޕްގައި ރާއްޖޭގެ އެކިއެކި އެން.ޖީ.އޯތަކާއި، އެރަށުގެ ސަރުކާރު މުއައްސަސާތަކުން ބައިވެރިވެފައި ވެއެވެ.


އެގޮތުން ކައުންސިލާއި ސުކޫލާއި ސިއްހީ މަރުކަޒާއި، ތުޅާދޫ ފެނަކަ ބްރާންޗާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ހިމެނެއެވެ. އަދި ސްކޫލު ނިންމި ދަރިވަރުންނާއި ބައެއް ޢާއްމު ރައްޔިތުން ވެސް ވަނީ ބައިވެރިވެފައެވެ.

 


ކިޔުންތެރިންގެ ހިޔާލު