މައްސަލައަކީ އިންޑިއާ ނޫން، ވެރިކަން ކުރަން ތިބޭ މީހުން: އަޒާން

3 months ago

އަފްރާހް

އެއްވެސް އިރެއްގައި މައްސަލައަކީ އިންޑިއާ ނޫން ކަމަށާއި މައްސަލައަކީ ވެރިކަން ކުރައްވަން ތިއްބަވާ ފަރާތްތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.


އަޒާން މިފަދައިން ވިދާޅުވީ 'ދެން އޮންލައިން' އިން ގެނެސްދޭންފެށި ޕޮޑްކާސްޓުގެ ފުރަތަމަ ޝޯވގައި ވާހަކަ ދައްކަވަމުންނެވެ.


ނޫސްވެރިކަމުގައި އުޅުއްވައި، ގިނަބައެއްގެ މަގްބޫލުކަން ހޯދައި، ރާއްޖެއާއި އިންޑިއާގެ ގުޅުމުގެ ވާހަކަތަކާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފައިވާ އަޒާން ވިދާޅުވީ ކަންކަން ގޯސްވެގެން ދިޔައީ ބޭރުގެ ފަރާތްތަކުން ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް ވަންނަން ފުރުސަތު ދިނީމައި ކަމަށެވެ.


"އިންޑިއާ ވިޔަސް އަދި އެމެރިކާ ވިޔަސް މަސައްކަތް ކުރާނީ އެގައުމެއްގެ މަސްލަހަތު އިސްކޮށް. ރާއްޖެއިންވެސް މަސައްކަތް ކުރަންޖެހޭނީ އެ އުސޫލުން." އަޒާން ވަނީ ވިދާޅުވެފައެވެ.


އެހެންމަވެސް ރައީސް ސާލިހުގެ ސަރުކާރުގައި ފެނުނީ ވެރިކަމުގައި ތިއްބެވި ބައެއް މީހުންގެ އަމިއްލަ މަސްލަހަތު އިސްކުރި މަންޒަރު ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.


"ހަވާސާއިން ބޭރުން" ނަމުގައި ކުރިއަށްގެންދާ ޕޮޑްކާސްޓު ޝޯވގައި އަޒާން އިތުރަށް ވިދާޅުވީ އޭރު ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެގެން ތިބީ މި އުޅަނދުތައް އޮޕަރޭޓު ކުރުމުގެ ނަމުގައި ކަމަށެވެ. އެކަމަކު ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ އިންޑިއާއާއިއެކު އެއްބަސްވުމަކަށް އައިސް، މި އުޅަނދުތައް އޮޕަރޭޓު ކުރަން އިންޑިއާގެ އަސްކަރިއްޔާގެ ބޭފުޅަކަށް ނުތިބެވޭގޮތް ހެދުންކަމަށް ވިދާޅުވިއެވެ.


އަޒާން ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެގޮތަށް ނިންމާފައިވާކަމަށް އިންޑިއާ ސަރުކާރަށް ދެންނެވުމުން އެގައުމުން ވެސް އެކަމަށް އިހުތިރާމު ކުރިކަމަށެވެ. އަދި މިހާރު އެ އުޅަނދުތައް އޮޕަރޭޓު ކުރަން ތިބެނީ ހަލް ކިޔާ އިންޑިއާ ސަރުކާރަށް ނިސްބަތްވާ ކުންފުންޏެއްގެ މުވައްޒަފުން ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު