އެންސްޕާގެ ޕްރޮގްރާމުތަކަށް އަހުވެރިކުރުމަށް ހާއްސަ ސެޝަނެއް

5 months ago

އަފްރާހް

އެންސްޕާގެ ޕްރޮގްރާމުތަކަށް އަހުވެރިކުރުމަށް ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.


މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން ގެތަކަށް ޒިޔާރަތްކުރާ ޓީމުތައް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.


މީގެ މަގްސަދަކީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ގައުމީ އިޖުތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާޢީ ރައްކާތެރި ކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތަކަށް އަހުލުވެރިކުރުވުމެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގެ ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލުބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ މަޤްސަދުގައި ފަށާފައިވާ ޕްރޮގްރާމެކެވެ.


މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ހުޅުމާލޭގެ ހިޔާ ސަރަހައްދުގައި ފަށައިގެން ކުރިއަށް ގެންދާއިރު، ޤައުމީ އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ތެރެއިން އެހީތެރިކަން ލިބެންޖެހޭ ބައެއް ފަރާތްތައް ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައި ތިބިކަން ވަނީ ފާހަގަކުރެވިގެން ގޮސްފައެވެ. އަދި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތައް ތިބިކަން ވެސް ވަނީ ދެނިގަނެވިގެން ގޮސްފައެވެ.


އެހެންކަމުން، މިފަދަ ފަރާތްތަކަށް ޤައުމީ އިޖުތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ އެންސްޕާއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އަދި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސްކުރުމުގެ މަސައްކަތްތައް ވެސް ދެ އިދާރާ ގުޅިގެން ވަނީ ފަށައިފައެވެ.


މިގޮތަށް ކުރެވޭ ތަފާތު މަސައްކަތްތަކުގެ ތެރެއިން އެންސްޕާއިން ރާވާ ހިންގާ ތަފާތު ޕްރޮގްރާމުތަކާއި ބެހޭ މައުލޫމާތު ދިނުމާއި، އެންސްޕާގެ ތަފާތު ޕްރޮގްރާމުތަކަށް ހުށައަޅާނެ ގޮތާއި، ސްކީމުތަކަށް ޝަރުތު ފުރިހަމަވާނެ ގޮތާއި، އުސޫލުތަކާއި ބެހޭ މައުލޫމާތު ވަނީ ހިއްސާކުރެވިފައެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިހާރު ވެސް ގެންދަނީ ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމުތަކުގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންނެވެ.


އަދި ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައި އެއްވެސް ފަރާތެއް ހުރިތޯ ބަލައި، އެ ފަރާތްތަކަށް ފުރަތަމަ މަރުހަލާގައި ދޭނެޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް މިނިސްޓްރީން ގެންދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު