ބަންގްލަދޭޝް އިން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފި

3 months ago

އަފްރާހް

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކުޅިވަރުކުޅޭ ސާމާނު ހަދިޔާކޮށްފިއެވެ.


މިތަކެތި ހަދިޔާކޮށްފައިވަނީ ޖުލައި 11 ވަނަ ދުވަހު ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.


މިނިސްޓްރީގެ ފަރާތުން އެ ތަކެއްޗާއި ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒެވެ. އެ ތަކެތި ހަވާލުކޮށްދެއްވީ ބަންގްލަދޭޝްގެ ހައިކޮމިޝަނަރު އެޑްމިރަލް އަބްދުލް ކަލާމް އާޒާދެެވެ.


ސްޓޭޓު މިނިސްޓަރު ރިޔާޒް ވިދާޅުވީ މިތަކެތީގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް ފައިދާކުރާނެ ކަމަށެވެ. އަދި މިފަދަ އެހީތެރިކަމެއް ދެއްވީތީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.


މި ރަސްމިއްޔާތުގައި ދެ ގައުމުގެ ގުޅުމަށް އަލިއަޅުއްވައި، ބަންގްލަދޭޝް ހައިކޮމިޝަނަރު ވަނީ ރާއްޖެއާ އެކު އެގައުމުން ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މިފަދަ އެހީތައް ކުރިއަށް އޮތް ތަނުގައި ވެސް ލިބޭނެކަމަށް ވިދާޅުވިއެވެ.


އެގައުމުން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި 100 ފުޓްބޯޅައާއި 100 ފުޓްސަލް ބޯޅައާއި 90 ވޮލީ ބޯޅަ އަދި 100 ބިބްސް ހިމެނެއެވެ.


މިނިސްޓްރީން ވިދާޅުވީ މިއެތަކެތި ބަހާނީ ސްކޫލުތަކާއި އެހެން ބައެއް އިދާރާތަކަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު