އިބަމަ ޕްރޮގްރާމުގެ ތަމްރީނުތައް ށ. އަތޮޅުގައި ބާއްވަނީ

3 months ago

އަފްރާހް

އިބަމަ ޕްރޮގްރާމުގެ ތަމްރީނުތައް ށ. އަތޮޅުގައި ބާއްވަން ނިންމައިފިއެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ވިދާޅުވީ އެ އަތޮޅުގައި މި ޕްރޮގްރާމު އޮންނާނީ މި މަހުގެ 16 އިން 18 އަށް ކަމަށެވެ. އަދި ފުނަދޫގައި ބާއްވާ މި ޕްރޮގްރާމުގައި އެ އަތޮޅުގެ ހުރިހައި ރަށަކުން ބައިވެރިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


"ކޮންމެ އިބަމަ ގްރޫޕަކުން ބައިވެރިވާނީ 04 މެންބަރުން. މިއީ މި ވުޒާރާގެ އިސްނެގުމާއެކު ށ. އަތޮޅު ކައުންސިލް އިދާރާގެ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް." އެ މިނިސްޓްރީން ވިދާޅުވިއެވެ.


މިއީ އެ އަތޮޅުގެ ރަށްރަށުގައި ގާއިމުކޮށްފައިވާ އިބަމަ ގްރޫޕްތަކުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި އިބަމަ މެންބަރުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއެކު ހުނަރު ތަރައްގީ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.


މި ޕްރޮގްރާމުގައި އިބަމައިގެ މުހިންމު މަފްހޫމްތަކާ ގުޅޭގޮތުން މައުލޫމާތުދީ، އިބަމައިގެ މަސައްކަތްތައް ކުރިއަށްގެންދަން އިބަމައިގެ މެންބަރުންނަށް ބޭނުންވާނެ މުހިންމު މައުލޫމާތު ފޯރުކޮށްދޭނެއެވެ.


މިގޮތުން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތައް ދެނެގަނެ، އެފަރާތްތަކުގެ ހާލަތު ވަޒަންކޮށް އެ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަން ފާހަގަކޮށް އެކަމާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ އެ މަސައްކަތްތަކަށް މެންބަރުން އަހުލުވެރިކުރުމުގެ ހަރަކާތްތައް މި ތަމްރީނު ޕްރޮގްރާމުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.


އިބަމައިގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިހާރު ކުރެވެމުން އަންނަ އެންމެހައި މަސައްކަތްތަކަކީ މި ސަރުކާރުގެ އޯގާތެރި މުޖުތަމައެއް ބިނާކުރުމުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ޖަމާއަތުގެ އިޖްތިމާޢީ ދުޅަހެޔޮކަމާއި މަސަލަސްކަން ކަށަވަރު ކުރުމަށް ރަށުފެންވަރުގައި ހަރަކާތްތެރިވާ ހުރިހާ މުއައްސަސާތަކެއްގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން، ހައްލު ހޯދޭނެ އިންތިޒާމް ގާއިމުކުރުމެވެ.


މީގެއިތުރުން މުޖުތަމައުގެ ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިޖުތިމާއީ ރައްކާތެރިކަން ވިލަރެސް ކުރެވިފައިވާ ނިޒާމަކުން ކަށަވަރުކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތްތަކެކެވެ.  

 

ކިޔުންތެރިންގެ ހިޔާލު