އަމްބާނީގެ އަގުބޮޑު ކައިވެނި ހަފުލާގައި ރައީސް ނަޝީދު

3 months ago

އަފްރާހް

އާނަންތު އަމްބާނީގެ އަގުބޮޑު ކައިވެނި ހަފުލާގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.


އޭޝިއާގެ އެންމެ މުއްސަނދި އާއިލާއަށް ނިސްބަތްވާ މި ކައިވެންޏަށް، ރައީސް ނަޝީދަށް ދައުވަތު ލިބިވަޑައިގެންނެވީ ބައިނަލްއަގްވާމީ ވެރިންނަށް ދެއްވި ދައުވަތުގެ ތެރެއިންނެވެ.


އެމަނިކުފާނުގެ އިތުރުން އިނގިރޭސި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ އާއި ފީފާގެ ރައީސް ޖިއަންނީ އިންފެންޓީނޯ އާއި އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ އަށް ވެސް ވަނީ ދައުވަތު ދެއްވާފައެވެ. އަދި ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ސްޓެފަން ހާޕާ އާއި ޓެންޒޭނިއާގެ ރައީސް ސާމިއާ ސުލޫހޫ ހަސަން އާއި އޮސްޓްރިއާގެ ކުރީގެ ބޮޑުވަޒީރު ސެބަސްޓިއަން ކާޒް އަށް ވެސް ދައުވަތު އަރުވާފައި ވެއެވެ.


މުކޭޝް އަމްބާނީގެ ދަރިފުޅު އާނަންތުގެ ކައިވެނީގެ ހަފުލާތައް ބާއްވާފައިވަނީ އެ އާއިލާގެ ގެއާއި ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައެވެ.


ދުނިޔޭގެ 10 ވަނައަށް އެންމެ މުއްސަނދި މީހާގެ ގޮތުގައި ހިމެނޭ މުކޭޝްގެ މިލްކިއްޔާތުގެ އަގު 115 ބިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު