މާރަންދޫ ކައުންސިލުގެ ނައިބު ރައީސް ރަމީޒު ނިޔާވެއްޖެ

3 months ago

އަފްރާހް

ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ރަމީޒު (ޕެލޭ) ނިޔާވެއްޖެއެވެ.


ތިލަދުންމަތޫގެ ޚަބަރުތައް ގެނެސްދިނުމުގައި އިސްކަންދޭ 'ތިލަދުން' ނޫހުގައި ބުނެފައިވަނީ އޭނާ ނިޔާވީ ޖުލައި 13 ވީ ހޮނިހިރު ދުވަހުގެ ހަވީރު ކަމަށެވެ. އަދި ނިޔާވެފައިވަނީ ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.


އެ ނޫހުގައި ބުނެފައިވަނީ ރަމީޒު ނިޔާވީ ހާރޓް އެޓޭކެއް ޖެހިގެން ކަމަށް ގަބޫލުކުރެވޭ ކަމަށް މާރަންދޫ އިން ވާހަކަދެއްކި މީހަކު ބުނެފައިވާ ކަމަށެވެ.


"މިއަދު ހަވީރު އެރަށުގައި ކުޅުނު ފުޓްބޯޅަމެޗެއްގައި ވެސް ރަމީޒު ކުޅުނު. މެޗުގެ ވަކި ހިސާބަކުން ބެންޗައް އައިސް ފެންފޮދެއް ދޭން ބުނުމުން ފެންބުއިމަށް ފަހު ހޮޑުލާންފެށި." އެމީހާ އާ ހަވާލާދީ ބުނެފައި ވެއެވެ.


މީގެއިތުރުން އެވަގުތު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދޭންފެށިކަމަށާއި އިތުރަށް ހާލަތު ގޯސްވުމުން ދިއްދޫއަށް ގެންދިޔަކަމަށް ވެސް ވަނީ ބުނެފައެވެ.


އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ރަމީޒު ނިޔާވުމާއިގުޅިގެން އެ ޕާޓީގެ ސެކްރެޓޭރުއޭޓުން 'އެކްސް' ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެޕާޓީއަށް ނިސްބަތްވާ ހއ. މާރަންދޫ ކައުންސިލްގެ ނައިބް ރައީސް އަޙްމަދު ރަމީޒް ނިޔާވުމުގެ ފުންހިތާމައިގައި އެޕާޓީ ބައިވެރިވާ ކަމަށެވެ. އަދި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށްއެދި ދުޢާކުރާ ކަމަށެވެ.


އަހްމަދު ރަމީޒު ނިޔާވުމުގެ ހިތާމައިގާ 'އޮއިވަރު' ގެ މުވައްޒަފުންނާއި މެނޭޖްމެންޓުން ވެސް ބައިވެރިވަމެވެ. އަދި މަރްހޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި އާއި އާއިލާ އަށް ކެތްތެރިކަން ދެއްވުމަށް ވެސް ދުއާ ކުރަމެވެ.


ކިޔުންތެރިންގެ ހިޔާލު