ސައިން ލޭންގުއޭޖް ދަސްކޮށްދިނުމުގެ ކޯސްތަކެއް ހިންގަނީ

3 months ago

އަފްރާހް

ސައިން ލޭންގުއޭޖް ދަސްކޮށްދިނުމުގެ ކޯސްތަކެއް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހިންގުމަށް ނިންމައިފިއެވެ. 


ބޭސިކް ސައިން ލޭންގުއޭޖް ކޯހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އިޝާރާތުން މުޢާމަލާތުކުރުމަށް ފަރުމާ ކުރެވިފައިވާ ކޯހެކެވެ.


މިކޯސް ކުރިއަށް ގެންދަން ނިންމާފައިވަނީ މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމްގެ އިސްނެންގެވުމުގެ މަތިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ދިމާވާ ގޮންޖެހުންތައް މަދުކޮށް، އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމަޢުގެ އެކި ކަންކަމުގައި ބައިވެރިވެ އުޅުމުގެ ފުރުޞަތު އެފަރާތްތަކަށް ވެސް މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ.


މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޚާއްސަ އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެކި ދާއިރާތަކުގެ ހުނަރުތައް އުނގަންނައިދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭކަންވެސް އެވުޒާރާއިން ފާހަގަކުރިއެވެ.


ފުރަތަމަ މަރުހަލާގައި ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްދޭން ތިބޭ މުވައްޒަފުންނަށް ކޯސް ކުރިއަށް ގެންދިއުމުގައި އިސްކަން ދެވޭނެކަމާއި، މިއީ ސެލްފް-ޕޭސްޑްކޮށް ދެވިފައިވާ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ފަރުމާ ކުރެވިފައިވާ ކޯހެއްކަން އެވުޒާރާއިން މަޢުލޫމާތުދެއެވެ.


މި އަންނަ އޮގަސްޓު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މި ކޯސް ފެށިގެންދާއިރު، ކުރިއަށް އޮތް ތަނުގައި ދީނީ ތަޢުލީމު އަދި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ އެކި ހަރަކާތްތައް ފެށިގެން ދާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު