އައްޑޫ ހައި ސްކޫލުގެ ޗެރިޓީ އިވެންޓުން ހޯދި ތަކެތި ފިޔަވަތި ކުދިންނަށް ހަދިޔާކޮށްފި

2 months ago

އަފްރާހް

އައްޑޫ ހައި ސްކޫލްގެ ހިއުމަން ރައިޓްސް ކްލަބުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް ކެއަރ ގެ ދަށުން ބަލަހައްޓަމުން ގެންދާ ކުދިންނަށް ބޭނުންވާ ސާމާނު ހަދިޔާކޮށްފިއެވެ.


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އެ ސްކޫލުން ހަދިޔާ ކޮށްފައިވާ ތަކެތީގެ ތެރޭގައި ކުޅޭ އެއްޗިއްސާއި ހެދުމާއި އާޓް ސަޕްލައިއާއި ލުއި ކާނާ ހިމެނެއެވެ.


މި ތަކެތި ހޯދާފައިވަނީ އެ ސްކޫލުން 15 ދުވަހުގެ މުއްދަތަށް އިންތިޒާމްކޮށްގެން ބޭއްވި ޗެރިޓީ އިވެންޓެއްގެ ތެރެއިންނެވެ. އައްޑޫ ހައި ސްކޫލުން ފާހަގަކުރިގޮތުގައި މި ހަރަކާތަށް ދަރިވަރުން ވަނީ ވަރަށް ބޮޑު އެއްބާރުލުމެއް ދީފައެވެ.


މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މުޖުތަމަޢުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ ރީތި އާދަ އަށެގެންނެވުމަށް ބާރުއެޅުމާއެކު ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެކަކު އަނެކަކަށް އޯގާތެރިވުމާއި އެއްޗެހި ހިއްސާކުރުމުގެ ޘަޤާފަތް ދިރުވާ އާލާކުރުމެވެ.


އައްޑޫ ހައި ސްކޫލުން ވަނީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ ހަރަކާތްތައް ހިންގަން އެދޭކަން ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު