1 day ago
އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ޖީ. ބާލަސުބްރަމާނިއަން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ ޖަނަވަރީ 6 ވަނަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
އިންޑިއާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ދަންނަވާފައެވެ.
މި ރަސްމިއްޔާތަށްފަހު ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި އިންޑިއާގެ އައު ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ނަރެންދްރަ މޯދީ އާއި އަދި އެ ގައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ހިޒް އެކްސަލަންސީ ޑޮކްޓަރ ސުބްރަމާނިއަމް ޖައިޝަންކަރްގެ ހެޔޮއެދުންތައް ރައީސް އަށް އަރިސްކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ތަރައްގީގެ މަގުގައި އެއްބާރުލުންދިނުމާއި އެގައުމުގެ ސަރުކާރުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާއި އެކި ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އިންވެސްޓްމަންޓުތައް އިތުރުކުރުމަށް މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން ދެގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް މިގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމުގެ އަޒުމް އައުކުރައްވަމުންނެވެ.