22 hours ago
ވެސްޓަރން އޮސްޓްރޭލިއާގެ ގަވަރުނަރ ހިޒް އެކްސެލެންސީ ކްރިސް ޑޯސަން އޭ.ސީ، އޭ.ޕީ.އެމް.ގެ އަނބިކަނބަލުން ޑެރިލީން ޖޫލީ ޑޯސަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވެސްޓަރން އޮސްޓްރޭލިއާގެ ގަވަރުނަރގެ އަނބިކަނބަލުންނަށް މަރުހަބާ ވިދާޅުވެ ގަވަރުނަރު ޑޯސަންއާއި އެ ކަމަނާ ރާއްޖޭގައި ހޭދަކުރައްވާ ވަގުތަކީ އުފާވެރި ވަގުތަކަށްވުމަށް މެޑަމް ސާޖިދާ އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖެއާއި އޮސްޓްރޭލިއާ އާއި ދެމެދު އޮތް ގާތް ގުޅުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ދއެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އޮސްޓްރޭލިއާއިން ތައުލީމީ ދާއިރާގެ ތަރައްހގީއަށް ޒަމާނުއްސުރެ ކުރައްވަމުން ގެންދަވާ މަސައްކަތާއި ހާއްސަގޮތެއްގައި ކުޑަކުދިންނާއި އަންހެން ކުދިންނަށް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި ވަށާޖެހޭ ތައުލީމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މީގެއިތުރުން ރާއްޖެއިން އޮސްޓްރޭލިއާއަށް މަތީ ތައުލީމު ހާސިލްކުރަން ދާ ކުދިންގެ ނިސްބަތް އިތުރުވަމުން ދިއުމާއި އޮސްޓްރޭލިއާ އެވޯރޑްސް ސްކޮލަރޝިޕާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
ގަވަރުނަރުގެ އަނބިކަނބަލުން ވަނީ ރައީސްގެ އަނބިކަނބަލުންގެ ހައިސިއްޔަތުން މެޑަމް ސާޖިދާ މުޙައްމަދު އަދާކުރައްވާ ދައުރު ފާހަގަކުރައްވައި، ސިއްހީ ދާއިރާގެ ކުރިއެރުމަށް އެ ކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ވެސް ތައުރީފު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.