17 hours ago
ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫއަށް ކުރިމަތިވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މި އަހަރު ޢަމަލީ މަސައްކަތްތައް ފަށްޓަވައި، ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވާފައި ވަނީ، ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. ކަނޑުހުޅުދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވާނީ ސަރުކާރާއި ކައުންސިލާ ދެމެދު މަޝްވަރާތަކެއް ކުރެވި، ކައުންސިލުން އެދިވަޑައިގެންނެވި ގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި ސްކޫލަށް ބޭނުންވާ ތަރައްގީގެ ކަންކަމަށް ޢަމަލީ ސިފަގެނައުން މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، މިހާރު ހުއްޓިފައިވާ މަޝްރޫއުތައް ހިންގަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ދެއްވިއެވެ. އަދި ހިންގަން ފަށައި، މަޑުޖެހިފައިވާ މަޝްރޫއުތައް ހިންގެވުމާއި އުމްރާނީ ގޮތުން އިތުރު ތަރައްގީތަކެއް ސްކޫލަށް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.
މީގެއިތުރުން ތައުލީމީ ދާއިރާއާއެކު ސިއްހީ ދާއިރާ ތަރައްގީ ކުރެއްވުމަކީ ވެސް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި، ކަނޑުހުޅުދޫގެ ސިއްހީ މަރުކަޒަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.