މާފުށި ޖަލުގައި ބަނޑުހައި ހޫނުކަމުގެ އިހުތިޖާޖެއް

11 hours ago

އަފްރާހް

މާފުށި ޖަލުގައި ބަނޑުހައި ހޫނުކަމުގެ އިހުތިޖާޖެއް ފަށައިފިއެވެ.


އިތުބާރުހުރި މަސްދަރުތަކުން 'އޮއިވަރު' އަށް އެނގިފައިވާގޮތުގައި މި ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުން ފެށިގެން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ. އަދި ޖަލު ޔުނިޓް ހަތަރަކަށް ކަރަންޓުގެ ހިދުމަތް އެ ޔުނިޓަށް ގަވާއިދުން ނުލިބޭތާ ވެސް އެތައް ދުވަހެއް ވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.


މީގެއިތުރުން އެ ޔުނިޓުގެ ގައިދީންނަށް ދެމުން އައި ލުއިތައް ވެސް ވަނީ ކަނޑާލާފައި ކަމަށް ވަނީ އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައެވެ.


އިހުތިޖާޖުގައި ގާތްގަޑަކަށް 100 ގައިދީން ބައިވެރިވެފައިވާ ކަމަށާއި އެ ފަރާތްތަކުގެ ޑިމާންޑުތަކުގެ ތެރޭގައި އެހެން ޔުނިޓުތަކަށް ދެމުން އަންނަ ލުއިތައް އެ ޔުނިޓަށް ވެސް ދިނުން ހިމެނެއެވެ. އޭގެތެރޭގައި ކޮންމެ ދުވަހަކު ވެސް ވަކި ވަގުތެއް ވަންދެން ކޮރިޑޯ އަށް ދޫކޮށްލުމާއި ގަވާއިދުން މެޑިކަލް ޔާޑު ދިނުން ހިމެނެއެވެ. އަދި ގޮޅީގައި ބޮކި، ފަންކާ އަދި ފާޚާނާ ދޮރު ހަރުކުރުން ފަދަ އަސާސީ ކަންކަން ކޮށްދިނުން ހިމެނެއެވެ.


އެހެންނަމަވެސް މި އިހުތިޖާޖުގެ ބައިވެރިންގެ ޑިމާންޑުތަކަށް ހައްލު ހޯދައިދިނުމަށް ޖަލުގެ އިސްފަރާތްތަކުން މިހައިތަނަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ބައެއް ގައިދީންގެ ހާލު ދެރަވެގެން ސްޓްރެޗަރ އަށް ލައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް ޖަނަވަރީ 8 ވަނަ ދުވަހު ވަނީ މީސްމީޑިއާގައި އާންމުވެފައެވެ.


މިކަމާއި ގުޅިގެން ކަރެކްޝަނަލް ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިސަރ އައިމިނަތު ޔުސްރީން އަޙްމަދު 'އޮއިވަރު' އަށް ވިދާޅުވީ ޖަލު ގައިދީން ނުކަނީ ޖަލު ކާނާ (ޖަލު ކޮއްތު) ކަމަށެވެ. އެހެންނަމަވެސް އެތަނުން ގަންނަން ލިބެންހުރި ތަކެތި ގަނެގެން ކަމުން ދާ ކަމަށާއި ހުރިހައި ގައިދީންގެ ހާލު ވެސް ރަނގަޅު ކަމަށް ޔުސްރީން ވިދާޅުވިއެވެ.


މީގެއިތުުރުން އިހްތިޖާޖުގެ ކަންކަން ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު