9 hours ago
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ހުވަދުއަތޮޅުން ވަޑައިނުގެންނެވި ހުރި ރަށްތަކަށް ޒިޔާރަތްކުރައްވައި، ބައްދަލުނުކުރެއްވި ހުރި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވެއެވެ.
އެމަނިކުފާނު ވަނީ ޒިޔާރަތްކުރެއްވި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވިދާޅުވެދެއްވާފައެވެ. އަދި ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ވެސް ރައްޔިތުންނާ ހިއްސާކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގައި ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި ވަރަށް މުހިންމު، އުންމީދީ މައުލޫމާތުތަކެއް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި އޮތް ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯއްދަވައި ދެއްވުންކަން އެމަނިކުފާނު ތަކުރާރުކުރައްވާފައިވެއެވެ.
އެއަމާޒަށް ވާސިލުވުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ކަންކަމުގެތެރޭގައި ހިމެނޭ، ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ހުރިހާ ރައްޔިތުން ވެސް ހިފުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖޭގައި ދަނޑުވެރިންނަށް އޮތީ އުފާފާގަތިކަންކަމުގައި ފާހަގަކުރައްވައި، ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ސިނާއަތުގެ ހިންގުން ހަރުދަނާކުރުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތް ވެސް މިހާރު ސަރުކާރުން ފައްޓަވައި، އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިގްތިސާދު ވެއްޓިފައި އޮތް ހާލަތުން ސަލާމަތްކޮށް، އިގްތިސާދު ސިންދަފާތުކުރުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަށް ކުރައްވަމުން ގެންދަވާ، ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެވެ.