22 hours ago
އިމިގްރޭޝަން ވޮޗް" އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 1000 އަށްވުރެ ގިނަ މައްސަލަ މިހާތަނަށް ބަލާފައިވާނޭ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
"އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކުރީ މިއަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ޕޯޓަލް އިފްތިތާހްކުރި ދުވަހުން ފެށިގެން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 1061 މައްސަލަ ބަލާފައިވާނޭ ކަމަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ނޮވެމްބަރު މަހުގެ ނިޔަލަށް އިމިގްރޭޝަން ވޮޗަށް 1017 މައްސަލަ ހުށައަޅާފައިވެއެވެ. މީގެތެރޭގައި އެންމެ ގިނައިން ހުށައަޅާފައިވަނީ ބިދޭސީ މަސައްކަތްތެރިން ޤާނޫނާއި ގަވައިދާއި ޚިލާފަށް ވިޔަފާރިކުރާ މައްސަލަތަކެވެ. މިފަދަ 239 މައްސަލަ ހުށައަޅާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ވޯކް ވިސާއާ ގުޅޭ 239 މައްސަލަ ހުށަހަޅާފަވާއިރު ހަށިވިއްކުމުގެ 65 މައްސަލައެއްވެސް މިހާތަނަށް އިމިގްރޭޝަން ވޮޗަށް ހުށައަޅާފައިވެއެވެ.
ވަޒީފާއަށް ފިލުމުގެ 41 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ޓޫރިސްޓް ވިސާއާ ޚިލާފުވި 14 މައްސަލައެއްގެ އިތުރުން އެމްޕްލޯޔަ ސްޕޮންސާއާ ޚިލާފުވި 12 މައްސަލަ ވަނީ ހުށަހަޅާފައެވެ.
މީގެއިތުރުން ވިސާގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރި 12 މައްސަލަ، އެކި ބާވަތުގެ ކުށް ކުރުމުގެ 11 މައްސަލަ އަދި މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރި ކުރުމުގެ 10 މައްސަލައެއް ވަނީ ރިފޯޓުކޮށްފައެވެ. އަދި އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ބޭނުންކުރަމުން އައި 8 ތަނެއްގެ މައްސަލައިގެ އިތުރުން ހިއުމަން ޓްރެފިކިންގެ 7 މައްސަލަ، ބްލެކްމާކެޓުގައި ބޭރު ފައިސާ މާރުކުރުމުގެ 7 މައްސަލަ ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރި މައުލޫމާތުގައިވެއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ބޮޑު ހައްލެއް ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފަވާއިރު ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން ގިނަ އޮޕަރޭޝަންތަކެއް ހުއްޓުމެއްނެތި އަންނަނީ ހިންގަމުންނެވެ.
ޤަވާއިދާ ޚިލާފަށް ރާޢްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނައިރު ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަން، އަތޮޅުތަކަށް ފުޅާކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަ މަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ޝަމްޢާން ވިދާޅުވެފައިވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މިގޮތުން ފެއްޓެވި ޚާއްސަ އޮޕަރޭޝަނަކީ މި މައްސަލަ ޙައްލުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމުގައި ޝަމްޢާން ފާހަގަކުރެއްވިއެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ސައުދުބޮޑޭ
ސާބަހޭ ތިޔަކުރާ މަސައްކަތަށް. އެކަމަކު ހިތާމައަކީ ޑީޕޯޓިކޮށްލާއިރަށް 3 މަސްފަހުން އަންނާތީ
12 hours ago