4 months ago
"ހޯޕް އައިލެންޑު"ގެ ކުރެހުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަސައްކަތާއިގުޅޭ އަދާހަމަ ދެއްވަމުން ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވީ ކުރިއަށްއޮތީ ފައިނޭންސް ކުރާނެ މޮޑެލް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުން ކަަމަށެވެ. އަދި އެ މަސައްކަތް މިފެށޭ ހަފުތާގެ ތެރޭގައި ކުރައްވާނެ ކަމަށެވެ.
ކުށަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާހައުލުން ދުރުކޮށް، އެކުދިން ރަނގަޅު މަގަށް ގެނައުމަށް ރީހެބިލިޓޭޝަން ފެސިލިޓީއެއް ގާއިމްކުރުމަށް ނިންމާފައިވާކަން މިނިސްޓަރު ހާމަކުރައްވާފައިވަނީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.
ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ކަމަށް މިހާރު ކަނޑައަޅާފައިވާ 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރުމަށް ވެސް ނިންމާފައެވެ.
މިނިސްޓަރު އިހްސާން މީގެކުރިން ވިދާޅުވެފައިވަނީ ގާނޫނު މިހާރު އޮތް ގޮތުން ވެސް އުމުރުން 15-18 އަހަރާ ދެމެދުގެ ކުދިން ޖިނާއީ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް، ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރަނީ 12-15 އަހަރާ ދެމެދުގެ ކުދިން ކުށްތަކަށް ވައްދާ ވަރު އިތުރުވެފައިވާތީ ކަމަށެވެ. އަދި އެ ކުދިން ވެސް ކުށުގެ މާހައުލަށް ހޭނިފައިވާ ކަމަށް ވިދާޅުވިއެވެ.
ގާނޫނަށް ބަދަލުތައް ގެނައި ނަމަވެސް 12-15 އަހަރާ ދެމެދުގެ ކުދިން ޖަލަށް ލުމުގެ އެއްވެސް ވިސްނުމެއް ނޯންނާނެއެވެ. އެ ބަދަލުތައް ގެންނައިރު ގާނޫނުގައި އެކަން ބަޔާންކުރާނެއެވެ.
"ހޯޕް އައިލެންޑު"ގެ ގޮތުގައި ދ. ވާނީ ހަމަޖައްސާފަވާއިރު، އެއްފަހަރާ 400 ކުދިން މިތަނުގައި ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެއެވެ. ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން، ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް އެ ކުދިން ލައްވައި ކުރުވައި، ރަސްމީ ތައުލީމާއި ކަސްރަތު ކުރުން އަދި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ނިންމާފައެވެ.
ހޯޕް އައިލެންޑްގައި އުޅޭ ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެއެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.