ރާއްޖެއިން ބޭރަށް ދަތުރު ކުރާ ބިދޭސީން އިމުގަ ފޯމު ފުރަން ނުޖެހޭގޮތް ހަދައިފި

2 months ago

އަފްރާހް

ރާއްޖެއިން ބޭރަށް ދަތުރު ކުރާ ބިދޭސީން "ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު (އިމުގަ ފޯމު) ފުރަން ނުޖެހޭގޮތް ހަދައިފިއެވެ.


ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު މިގޮތަށް ނިންމެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް، ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ ހުރިހާ ފަރާތްތަކަށް، ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ސިޔާސަތުގެ ދަށުންނެވެ.


ރާއްޖެއިން ފުރެާ ބިދޭސީން އިމުގަ ފޯމު ފުރަން ނުޖެހޭގޮތަށް ހަމަޖައްސާފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 15 ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.


'ޓްރެވެލަރ ޑެކްލަރޭޝަން' ފޯމަކީ 2021 މާރިޗު 14 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް އެމްބަކޭޝަން/ޑިސްއެމްބަކޭޝަން ކާޑެއްގެ ގޮތުގައި ފުރިހަމަކުރަމުން އަންނަ ފޯމެކެވެ. މި ފޯމު ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ ހުރިހާ ފަރާތްތަކުން މީގެ ކުރިން ފުރިހަމަކުރަން ޖެހެއެވެ.


އެހެންނަމަވެސް، ކޮންޓްރޯލަރ ޖެނެރަލް ވަނީ ފައިބެއަހަރުގެ ނޮވެމްބަރ 20 އިން ފެށިގެން ރާއްޖެއިން ބޭރަށް ފުރާ އަދި ރާއްޖެއަށް އަނބުރާ އަންނަ ދިވެހިންނަށް މި ފޯމު ފުރިހަމަކުރަން ނުޖެހޭގޮތަށް ނިންމަވާފައެވެ.


އިމިގްރޭޝަނުން ވިދާޅުވީ ރާއްޖެއަށް އަންނަ ބިދޭސީ ފަރާތްތަކުން ކުރިއެކޭ ވެސް އެއްގޮތަށް ރާއްޖެ އައުމުގެ 96 ގަޑިއިރު ކުރިން "ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު ފުރިހަމަކޮށް ހުށަހަޅަން ވާނެއެވެ.


އިމިގްރޭޝަންގެ އަމާޒަކީ ޚިދުމަތްތައް ހަރުދަނާކޮށް ދަތުރުފަތުރު ކުރާ އެންމެހާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމެވެ.


ކިޔުންތެރިންގެ ހިޔާލު